ޚަބަރު

"ހިޔާ" މަޝްރޫޢުގެ ފޯމް ބަލައިގަތުން މަޑުޖައްސާލަން އޭސީސީން އަންގައިފި


"ހިޔާ" މަޝްރޫޢުގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ފޯމު ހުށައެޅުމާއި ފޯމު ބަލައިގަތުން ވަގުތީގޮތުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހައުސިންގ މިނިސްޓްރީއަށް އަންގައިފިއެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް އެ މަސައްކަތްކުރުން ވަގުތީގޮތުން ހުއްޓާލަން އަންގާފައިވަނީ ފޯމްތައް ހުށައެޅުމާއި ބަލައިގަތުމުގައި ޤަވާއިދާ ޚިލާފަށް އެ މަސައްކަތް ކުރަމުންދާކަމަށް ބުނެ އާއްމު ރައްޔިތުންގެ ޝަކުވާތަކެއް ލިބެމުންދާތީކަމަށެވެ. އަދި އެކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން އެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ ގޮތުން ކުރަމުންދާ އެންމެހާ މަސައްކަތްތައް ކުރިޔަށް ނުގެންދިޔުމަށް ވަނީ އަންގާފައެވެ.

ހިޔާ މަޝްރޫއަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި މަޝްރޫއަކަށްވެފައި ވީހާވެސް ހަރުދަނާ ދެފުށް ފެންނަ ގޮތަކަށް ކޮރޮޕްޝަނަށް މަގުފަހި ނުވާނެ ގޮތަކަށް ކުރިޔަށް ގެންދަން މުހިންމުވާނެ ކަމަށް އޭސީސީން ބުނެއެވެ.

ފޯމު ހުށައެޅުމާއި ފޯމު ބަލައިގަތުން ވަގުތީގޮތުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާއިރު ހިޔާ މަޝްރޫޢުގެ ފޯމް ބަލައިގަތުމުގެ މުއްދަތު ވަނީ ހަމަވެފައެވެ.