ޚަބަރު

ދޮށީ މީހުންނަށްވެސް އިންސާނީ ޙައްޤުތައް ލިބެންޖެހޭ - އދ


ޢުމުރުން ދުވަސްވުމަކީ ޙައްޤުތަކުން އެއްކިބާވާންޖެހޭ ސަބަބެއް ނޫންކަމަށާ ޢުމުރުން ދުވަސްވީ މީހުންނަށްވެސް ހަމަހަމަކަމާއެކު އިންސާނީ ޙައްޤުތައް ލިބެންޖެހޭނެކަމަށް އދ.އިން ބުނެފިއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދޮށީ ޢުމުރުގެ މީހުންގެ ދުވަހާގުޅިގެން އދ.އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދޮށީޢުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަބަދުވެސް އދ.އިން މަސައްކަތް ކުރަމުންދާކަމަށާއި އެޖަމްޢިއްޔާގެ މައިގަނޑު އަމާޒަކީ ދޮށީ އުމުރުފުރައިގެ މީހުންނަށް ހަމަހަމަކަމާއި މިނިވަންކަމާއެކު ދިރިއުޅެވޭނެ މަގު ހޯދައިދިނުންކަމަށެވެ.

ބައިނަލްއަޤްވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހުގެ މިއަހަރުގެ ޝިޢާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ "ސެލެބްރޭޓިންގ އޯލްޑަރ ހިއުމަން ރައިޓްސް ޗެމްޕިއަންސް"އެވެ.

މި ޝިޢާރުގެ މައިގަނޑު އަމާޒަކީ ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ އިންސާނީ ހައްޤުތައް ކުރިއެރުވުމާއި، މުޖުތަމަޢުގައި ހިނގާ ކަންތައްތަކުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެފަރާތްތަކަށް ލިބިދޭންޖެހޭ އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ދޮށީ ޢުމުރުގެ މީހުން ޝާމިލްވާގޮތަށް އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތްކުންނެވެ.

2014 ވަނަ އަހަރުގެ ރާއްޖޭގެ ބޯހިމެނުމުގެ ތަފާސް ހިސާބަށް ބަލާއިރު 2040 ވަނަ އަހަރާއި ހަމައަށް ދިވެހިރާއްޖޭގެ އާބާދީގެ 10 އިންސައްތައަކީ ދޮށީ އުމުރުގެ މީހުންނެވެ. ދޮށީ ޢުމުރުގެ މީހުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހަރުދަނާ ޤައުމީ ސިޔާސަތެއް އެކުލަވާލެވި އެކަންކަން ތަންފީޒުކުރުމަށް އުސޫލުތަކެއް ކަނޑައަޅައި ގިނަ ޙަރަކާތްތަކެއް ކުރިޔަށްދާއިރު ދޮށީ އުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އެޗްއާރްސީއެމްއާއި ޖެންޑަރ މިނިސްޓްރީންވެސްދަނީ އެކި ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.