ޚަބަރު

"ހިޔާ" ފްލެޓް ފޯމްތައް ބާޠިލުކުރާނެކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް - ޕީޕީއެމް


މިސަރުކާރުން ކުރިއަށްގެންދާ "ހިޔާ" މަޝްރޫޢުގެ ފްލެޓަށް އެދި ހުށައަޅާ ފޯމުތައް ބާޠިލުކުރާނެކަމަށް ދެން އަންނަން އޮތް ސަރުކާރުގެ ފަރާތުން ބުނުމަކީ ޒިންމާދާރުކަން ކުޑަކަމެއްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް ޕީޕީއެމުން ބުނެފިއެވެ.

ސަކީނާމަންޒިލްގައި ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓިގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރު، ކެލާދާއިރާގެ މެންބަރު ޢަލީ ޢާރިފް ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް އެދި ހުށައެޅި ފޯމުތައް ދެން އަންނަ ސަރުކާރެއްގައި ބާޠިލުކުރާނެކަމަށް ބުނާއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަކީ ސައްޙަ ސަރުކާރެއްކަމަށެވެ. ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް މި ސަރުކާރު ދެމި އޮންނާނެކަން ފާހަގަކުރައްވާ ޢަލީ އާރިފް ވިދާޅުވީ، ރައްޔިތުން އެންމެ ބޭނުންވަނީ ބޯހިޔާ ވަހިކަންކަމަށާއި، އެކަމަށް މިސަރުކާރުން ތަރައްޤީކުރާ ފްލެޓުތަކުގެ ބޮޑު ބައެއް ނިމިފައިވާކަަމަށެވެ. މި ސަރުކާރު ނިމިގެންދަނީ ދެން އަންނަ ސަރުކާރަށްވެސް ކަންކަން ފަހިކޮށްދީ ހަދިޔާތަކެއްވެސް ދޫކޮށްފައިކަމަށްވެސް ޢަލީ އާރިފް ވިދާޅުވިއެވެ. އޭނާ ވަނީ ސިޔާސީ ވަހަކަ ދައްކާއިރު ޒިންމާދާރުވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަށް ގޮވާލާފައެވެ.

" އެބަ އިވޭ ދެން އަންނަން އޮތް ސަރުކާރުގެ ފަރާތުން އެބަ ވިދާލުވީ ފްލެޓްތަކުގެ ފޯމްތައް ބާޠިލްކުރާނަމޭ. އެހެނެއް ނުކުރެވޭނެ. މި ސަރުކާރަކީ ޞައްޙަ ސަރުކާރެއް. 17 ނޮވެމްބަރާ ހަމައަށް ދިވެހި ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާނީ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް.އ ެހެންކަމުން މިސަރުކާރުން ކުރާ ކަންކަން ޞައްޙަވާނެ." ކެލާދާއިރާގެ މެންބަރު ޢަލީ ޢާރިފް ވިދާޅުވިއެވެ.

އިއްޔެ ސޯލްޓް ކެފޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެފައި ވަނީ، އިންތިޚާބީ ރައީސް، އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ރަސްމީކޮށް ފެށިގެން ދިއުމުން އަލުން ފްލެޓަށް ހުޅުވާލައްވާނެ ކަމަށެވެ.

ޢަލީ އާރިފުގެ ވާހަކަފުޅުގައި ޕީޕީއެމުން ޒިންމާދާރުކަމާއެކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރާނެކަން ތަކުރާރުކުރައްވަމުން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ސޯޝަލް މީޑިއާގައި ތަފާތު ތުހުމަތުތައް ކުރަމުން އަންނަކަމަށާއި، އެކަންކަމަށް އެ ކޮމިޝަނުން ޖަވާބުދެއްވަން ޖެހޭކަމަށެވެ.

އަލީ އާރިފް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އައު ސަރުކާރުން ބޭނުންވާ ކަންކަން ހިމެނުމަށް ފުރުޞަތު ފަހިކޮށްދީފައިވާކަަމަށެވެ. އެކަމަށް ޕީޕީއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން އަލީ ޢާރިފް ވަނީ ދެއްވާފައެވެ.