ޚަބަރު

ޤައުމު ބިނާކުރުމުގައި ދޮށީ އުމުރުގެ މީހުންގެ ދައުރު ބޮޑު – ޖެންޑަރ މިނިސްޓަރ


ދޮށީ އުމުރުގެ މީހުންނަކީ ޤައުމު ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބައެއްކަމަށާއި، އެ ފަރާތްތަކުގެ ޢިލްމާއި، ހުނަރު އަދި ތަޖުރިބާ މިއަދު ވެސް ޤައުމުގެ ކުރިއެރުމަށް މުހިއްމުކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ދިވެހިރާއްޖެ އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ދޮށީ އުމުރުގެ މީހުން ބައިވެރިކުރަންޖެހޭކަމަށެވެ. އަދި ދޮށީ އުމުރުގެ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޢާއިލާއާއި މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ދޮށީ އުމުރުގެ މީހުންގެ ޙައްޤުތައް ކަށަވަރުކޮށް ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާ އެތަންފީޒުކޮށް ، ގިނަ ޚިދުމަތްތަކެއް ދެމުންދާކަން ފާހަގަކުރެއްވިއެވެ.
އޭގެތެރޭގައި ފަސޭހައިން ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި ދާނުގައި ތިބެންޖެހިފައިވާ ދޮށީ އުމުރުގެ މީހުންނަށް ގޭގައި ޞިއްޙީ ފަރުވާ ލިބޭނޭ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިނުން ހިމެނެއެވެ.

ދޮށީ އުމުރުގެ މީހުންނަށް ދުޅަހެޔޮ އަދި ފާގަތި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީން ވަނީ ރަންވޭލާގެ ނަމުގައި ޤައުމީ ފެންވަރުގެ ކެމްޕޭނެއް ފަށާފައެވެ. މި ކެޕްޕޭންގެ ޙަރަކާތްތައް އެކި އަތޮޅުތަކުގައި ހިންގާ ކެމްޕޭނު މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދޮށީ އުމުރުގެ މީހުންގެ ދުވަހަކީ އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކޮށް، އެހެން މީހުންނެކޭ އެއްފަދައިން އިންސާނީ ޙައްޤުތައް ކަށަވަރުކޮށް ، އެކި ކަންކަމުގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެކި ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން 1991ވަނަ އަހަރު ފާސްކުރި ޤަރާރެއްގެ ދަށުން ކޮންމެ އަހަރަކުވެސް އޮކްޓޯބަރުމަހެއްގެ އެއްވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.