ޚަބަރު

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި


ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ވަނީ، އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގުން ލީޓަރަކުން 20 ލާރި ބޮޑުވާނެ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް 10.97 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް ވިއްކާނީ 11.43 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގުން 20 ލާރި ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން އެ ދެ ބާވަތުގެ އަގު އުފުލިފައިވާތީ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް އުފުލެން ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި ވެސް ތެލުގެ އަގު ބޮޑު ތަނުން މައްޗަށް އުފުލުން އެކަށީގެންވާ ކަމަށް ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ.