ޚަބަރު

ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ނެގުން މެދުކަނޑާލައިފި


ސިވިލް ސާރވިސްގެ އެކިއެކި ވަޒީފާތަކަށް ބޭނުންވާ މީހުން ހޯދަން އިއުލާން ކުރުމާއި ވަޒީފާތަކަށް މީހުން ނެގުން ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ސަރުކާރު ހިންގުމުގެ ނިޒާމަށް އަތުވެދާނެ ބަދަލުތަކުގެ ސަބަބުން ސިވިލް ސާރވިސްގެ އިދާރާތަކާއި އެއިދާރާތަކުގެ މެންޑޭޓަށް އަތުވެދާނެ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން އެކޮމިޝަނުގެ ވަޒީފާތަކުގެ ތެރެއިން ފަންނީ މަޤާމުތައް ފިޔަވައި އެހެން ވަޒީފާތަކަށް އިޢުލާނުކުރުމާއި ވަޒީފާތަކަށް މީހުން ނެގުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ސިވިލް ސާރވިސްގެ ވަޒީފާތަކަށް ބޭނުންވާ މީހުން ހޯދުމާއި ވަޒީފާތަކަށް މީހުން ނެގުން ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް އެކޮމިޝަނުގެ އިދާރާތަކުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ކޮންމެހެން ބޭނުންވާ މަޤާމުތަކަށް އިޢުލާނުކުރުން ކޮމިޝަނުގެ ހުއްދައާއެކު ކުރިއަށް ގެންދާނެކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ބުނެއެވެ.

ރައީސް ޔާމީނުގެ 5 އަހަރުގެ ދައުރު ނިމި، އަލަށް އިންތިޚާބުވި ރައީސް ވެރިކަމާއި ޙަވާލުވުމުގެ ކުރިން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމުގައި ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަނީ ބުނެފައެވެ.