ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގައި 87 ދާއިރާ!


އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދާއިރާތައް ކަނޑައަޅާފައިވާގޮތް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފިއެވެ.

އެކޮމިޝަނުން އާންމުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓްގައި 87 ދާއިރާއެއް ހިމަނާފައިވެއެވެ. މިއީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ހިމެނޭ ޢަދަދަށްވުރެ ދެ ދާއިރާ އިތުރު ޢަދަދެކެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ 85 ދައިރާއެވެ.

އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިތުރުވަނީ މާލޭ ސިޓީގެ ދެ ދާއިރާއެވެ. މިހާރު މާލޭގައި ހިމެނޭ ތޭރަ ދާއިރާއާއި އަލަށް އިތުރުވާ ދެ ދާއިރާއާއިއެކު މާލޭސިޓީގައި ފަނަރަ ދާއިރާ ހިމެނެއެވެ. ނަމަވެސް އަލަށް އިތުރުވާ މާލޭސިޓީގެ ދާއިރާތަކުގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައެއްނުވެއެވެ. އެކޮމިޝަނުން ބުނީ މާލެ ސިޓީގެ އިންތިޚާބީ ދާއިރާގެ އާބާދީއަށް އައިސްފައިވާ ބަދަލާއި ގުޅިގެން ދާއިރާތަކަށް އަންނަ ބަދަލާއެކު އެކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާކުރުމަށްފަހު އެ ދާއިރާތަކުގެ ތަފްޞީލު ފައިނަލް ރިޕޯޓާއެކު ޢާންމުކުރާނެކަމަށެވެ.

މިހާރު ހިނގަމުންދާ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރު އަންނަ އަހަރުގެ ކުރީކޮޅު ހަމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ އައު ދައުރަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުވެސް އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.