ޚަބަރު

ބަޖެޓް ފާސްކުރުމުގައި ޕީޕީއެމްގެ އެއްބާރުލުން ދޭނަން - ނިހާން


އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ވެވަޑައިގަންނަވައިފައިވާ ވަޢުދުތަށް ފުއްދަވައި ދެއްވުމަށް، މިއަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރުމުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ފުރިހަމަ އެއްބާރުލުންދޭނެކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ސަކީނާ މަންޒިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙުމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ، ޕީޕީއެމް ވެރިކަމުގައި އޮވެ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރި ފަދައިން އެ ޕާޓީ އިދިކޮޅު މައި ޕާޓީގެ ގޮތުގައި ހަރަކާތްތެރިވާނީވެސް ޒިންމާދާރުކަމާއި އިޚްލާސްތެރިކަމާއި އެކުގައިކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމްއަށްކަން ފާހަގަކުރައްވައި ނިހާންވަނީ ދިވެހިންގެ ހައްޤުގައި ކުރަން ޖެހުނު ކޮންމެކަމެއްކުރަން ޕީޕީއެމްއިން ފަސް ނުޖެހޭނެކަމަށެވެ. ނޫސްވެރިންގެ މިބައްދަލުވުމުގައި ނިހާންގެ އިތުރުން ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އިބްރާހިމް ފަލާޙާއި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.