ޚަބަރު

މައުމޫނާއި ޤާސިމާއި ފާރިސް މިނިވަންކޮށްފި


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫނާއިޤާސިމް އިބްރާހީމް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫން މިހާތަނަށް ޖަލު ބަންދުގައި ހުންނެވީ، ފުލުހުން ތަޙްޤީޤްކުރަމުންދާ މައްސަލއަކާގުޅިގެން ތަޙްޤީޤަށް ފޯނުނުދެއްވި މައްސަލާގައި ދައުލަތުން އުފުލި ޢަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ ސާބިތުވުމާއި ގުޅިގެންނެވެ. ރައީސް މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކުރީގެ ރައީސް މައުމޫނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އެދިފައިވަނީ، ކުރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަކީ ޤާނޫނުއަސާސީއާއި، ޤާނޫނީ އިޖްރާއަތްތަކާއި، ޝަރުޢީ އިޖްރާއަތްތަކާއި ޚިލާފަށް އިއްވާފައިވާ ހުކުމެއްކަމަށް ފެންނާތީ އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން ވަކިގޮތެއް ނިންމަންދެން ޖަލުބަންދުގައި ބެހެއްޓުމަކީ އިއާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިދާނެ ކަމަކަމަށްވާތީއެވެ.

ކަފާލާތުގެދަށުން ދޫކޮށްލި ޤާސިމް އިބްރާހީމް ގެންދަވަނީ ރިޝްވަތު ދިނުމުގެ ކުށް ސާބިތުގެ ތިންއަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލުހުކުމެއް ތަންފީޒްކުރައްވަމުންނެވެ. ނަމަވެސް މިވަގުތު އެމަނިކުފާނު ހުންނެވީ ސިޔާސީހިމާޔަތް ހޯއްދަވައިގެން ޖަރުމަނުވިލާތުގައެވެ. ކަފާލާތުގެ ދަށުން ޤާސިމް އިބްރާހީމް މިނިވަންކޮށްފައިވަނީ އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފާމެދު އެކޯޓަށް ވަކިގޮތެއް ކަނޑައެޅެންދެނެވެ.

ރައްޔިތޔންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ގެންދަވަނީ، ޝަޚުސު އޮޅުވާލުމުގެ ކުށުގެ ދައުވާއެއް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ކަފާލާތުގެ ދަށުން ފާރިސް މިނިވަންކޮށްފައިވަނީ، ހައިކޯޓުގައި ހިނގަމުންދާ ފާރިސްގެ އިސްތިއުނާފް މައްސަލާގައި އެކޯޓުން ވަކިގޮތެއް ނިންމަންދެނެވެ. ޝަޚުސު އޮޅުވާލުމުގެ ދަޢުވާ ފާރިސްގެ މައްޗަށް ސާބިތުވެފައިވާއިރު، ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ މައްސަލައެއްގެ ދައުވާއެއްވެސް ދައުކަތުން ވަނީ ފާރިސްގެ މައްޗަށް އުފުލާފައެވެ.