ޚަބަރު

މިދިޔަ އަހަރު ސްޓެލްކޯއަށް ރެކޯޑުމިންވަރެއްގެ ފައިދާ


ވޭތުވެދިޔަ އަހަރަކީ ސްޓެލްކޯގެ ތާރިޚްގައި ރެކޯޑް ޢަދަދަކަށް އެކުންފުންޏަށް ފައިދާވި އަހަރެއްކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. މިކަން ހާމަކުރީ އެކުންފުނީގެ މިއަހަރުގެ އަހަރީ ޢާންމު ޖަލްސާގައެވެ. މިޖަލްސާގައިވަނީ އެކުންފުނީގެ އަހަރީ ރިޕޯޓްވެސް ނެރެފައެވެ. މިރިޕޯޓް ނެރެދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ.

ސްޓެލްކޯގެ މިއަހަރުގެ އަހަރީ ޢާއްމު ޖަލްސާގައި ވަނީ މިދިޔަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 52 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބުނުކަން ހާމަކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު 187 އިންސައްތައިގެ ކުރިއެރުމެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. މިދިޔައަހަރު ވަނީ ސްޓެލްކޯއަށް ލިބުނު އާމްދަނީވެސް އިތުރުވެފައެވެ. އެގޮތުން 2017 ވަނަ އަހަރު ސްޓެލްކޯއަށް ޢާމްދަނީގެ ގޮތުގައި 1698 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2016 ވަނަ އަހަރާ އަޅައި ބަލާއިރު 17 އިންސައްތަ ނުވަތަ 250 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ސްޓެލްކޯގެ އަހަރީ ޢާއްމު ޖަލްސާގައިވަނީ މިދިޔަ އަހަރު އެކުންފުނިން ކުރިއަށްގެންދިޔަ މަޝްރޫޢުތަކާއި އެކުންފުނިން އިންވެސްޓްކުރި ދާއިރާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ ޗެއަރަމަން އަޙްމަދު އައިމަން ވިދާޅުވީ މިދިޔަ އަހަރު އެކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާވެ މާލީޙާލަތު ރަނގަޅުވެ، މާލީ ޤާބިލުކަން އިތުރުވެގެން ދިޔަކަމަށެވެ.
އަދި މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކުގައި ސްޓެލްކޯއިން ބޮޑުދައުރެއް އަދާކޮށްފައިވާކަމަށްވެސް ސްޓެލްކޯގެ ޗެއަރމަން ވިދާޅުވިއެވެ.

"އެގޮތުން ރާއްޖޭގެ ރަށްތަކުގައި 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދިނުމުގެ ގޮތުން އެދެވޭ މަސައްކަތްތަކެއްކޮށް ވަނީ ކާބިޔާބުކޮށްފައި. ދެމެހެއްޓެނިވި ގޮތުގައި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްދޭ."

ސްޓެލްކޯގެ ޗެއަރމަން އަޙްމަދު އައިމަން ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ ސިއީއޯ އަޙްމަދު ޒުހޫރު ވިދާޅުވީ ރާއްޖޭގެ ކޮންމެރަށަކީ އިންވެސްޓް ކުރަންޖެހޭ ރަށެއް ކަމަށާއި ސްޓެލްކޯއިން ޚިދުމަތް ފޯރުކޮށްދޭ 90 އިންސައްތަ ރަށްރަށުގައި ހުރީ އޯވާ އިންވެސްޓް ކުރެވިފައިކަމަށެވެ. އަދި ހުޅުމާލެއާއި މާލެ، ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް އިންޓަކަނެކްޝަން ލައިނެއް އެޅުމުގެ އިތުރަށް މާލޭގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތަށް ދެނެގަތުމުގެ މަސައްކަތްތަށްވެސް ކުރަމުން އަންނަކަމުގައި ޒުހޫރު ވިދާޅުވިއެވެ. ޒުހޫރު ވިދާޅުވީ މާލެ ސަރަޙައްދުގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ގްރޭޓާ މާލޭ ޕްރޮޖެކްޓްގެ ދަށުން އިންޑަސްޓްރިއަލް ވިލޭޖުގައި ޖަނަރޭޓަރެއް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ސްޓެލްކޯއިން މާލޭގައި އެންމެ ފުރަތަމަ ކަރަންޓްގެ ޚިދުމަތް ދޭންފެށީ 14 ކިލޯވޮޓުގެ ޖަނަރޭޓަރަކާއެކުއެވެ. ނަމަވެސް މިހާރު އެކުންފުނިންދަނީ 70 މެގަވޮޓުގެ ކަރަންޓް ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ސައުވީސް ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދިނުމަށް އެކުންފުނިން ބޮޑު ދައުރެއް އަދާކުރާކަން ފާހަގަކޮށްލެވެއެވެ.