ޚަބަރު

މިތިބީ 96000 ރައްޔިތުންނާއެކު، އިހުތިރާމްކުރޭ - ނިހާން


އިދިކޮޅުޕާޓީގެގޮތުގައި މިވަގުތު މިތިބީ ނުވަދިހަ ހަހާހަށްވުރެ ގިނަ ރައްޔިތުންނާއެކު ކަމަށާ، އަލަށް އަންނަ ސަރުކާރުން އެއެންމެންނަށް އިޙްތިރާމްކުރަންޖެހޭނެކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ، އިދިކޮޅު ޕާޓީތައް ވެރިކަމަށް ވަޑައިގަތީ ތަފާތު ނުކުރުމަށާއި ވަކިޕާޓީއަކަށް ނިސްބަތްވުމުން ވަޒީފާގެބިރު ނުދައްކާނެކަމަށް ވައުދުވަމުންކަމަށާ، އެހެންކަމުން އާ ސަރުކާރުން އެގޮތުގައި ދެމިއޮތުމަށް އިލްތިމާސް ކުރާ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"އިދިކޮޅުގައި މިތިބީ 96،000 ރައްޔިތުންގެ ތާއީދާއެކު. އެއީ ކުޑަ ޢަދަދެއް ނޫން. އެ ޢަދަދަށް އިޙްތިރާމް ކުރުމަށް އާސަރުކާރުން ދަސްކުރަން ޖެހޭ. އިހުތިރާމް ކުރައްވަން ރާއްޖޭގައި ދެންތިއްބެވި ސިޔާސީ ޕާޓީތަކަށް އަޅުގަނޑުމެން އިޙްލާސްތެރިކަމާއެކު ދަންނަވަން."

ނިހާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީން ކުށެއް ކުރައްވާފައި ނުވާ ކަމަށާ، އެމަނިކުފާނުގެ އިސްތަށިފުޅުގައި އިދިކޮޅުފަރާތްތަކުން އަޅުވަމުންދާ އެކިކަހަލަ ތުހުމަތުތަކަކީ އެއިން އެއްވެސްކަމެއް ސާބިތުވެފައިވާކަމެއްނޫންކަން ފާހަގަކުރަންޖެހޭކަމަށެވެ.

ފަލާހު ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ދިވެހިންގެ އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރު ކަމަށާ، އެމަނިކުފާނު ޖަލަށްލާނެވާހަކަ ވިދާޅުވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ފަލާޙު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމްގެ މެމްބަރުންނަށް ބިރުދައްކަމުންދާކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ ރާއްޖެ އިން މިނިވަންކަން ނެތިގެންދާކަމުގެ އިހްސާސް މިދިޔަ ތިން، ހަތަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ ކަމަށާ، އަދި މަގުމަތިން ނާމާން އެތައް ކަމެއް ހިނގަމުންދާކަންވެސް ފާހަގަކުރެވޭކަމަށެވެ.