ޚަބަރު

ދައުލަތުގެ އެއްވެސް ލިޔެކިއުމެއް ނައްތާނުލުމަށް އަރުޝީފުން އަންގައިފި


ދައުލަތުގެ ރަސްމީ އެއްވެސް ލިޔެކިޔުމެއް އަދި ރެކޯޑެއް ނައްތާނުލުމަށް ޤައުމީ އަރުޝީފުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަންގައިފިއެވެ.

ޤައުމީ އަރުޝީފުން ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ހަނދާންކޮށްދެއްވާކަމަށެވެ. އަރުޝީފުން މިސަރކިއުލާ ނެރެފައިވާއިރު މީގެ ކުރިން އެއިދާރާއިންވަނީ ދައުލަތުގެ އެއްވެސް މުވައްސަސާއަކުން އެއްވެސް ލިޔެކިޔުމެއް ނައްތާލަން އުޅޭކަމުގެ ޝަކުވާއެއް ލިބިފައި ނުވާކަމަށް ބުނެފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދެވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިދައުލަތުގެ ރަސްމީ ލިޔެކިއުންތަކާއި، ފޮޓޯތަކާއި، ޗާރޓްތަކާއި، ރެކޯޑްތަކާއި، ރެކޯޑްތަކާއި، މައުލޫމާއު ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެތަކެތި ބެލެހެއްޓުން ޙަވާލުވެފައިވާ ކޮންމެ މީހެއްގެ ވާޖިބެއް ކަމަށެވެ.

ދައުލަތުގެ އެއްވެސް ލިޔެކިޔުމެއް އަދި ރެކޯޑެއް ނައްތާނުލުމަށް ޤައުމީ އަރުޝީފުން ދައުލަތުގެ މުއައްސަސާތަކަށް އަންގާފައިވާއިރު، ވެރިކަން ބަދަލުކުރުމުގެ މި މަރުޙަލާގައި ސަރުކާރުގެ އެކި ލިޔެކިއުންތައް ނައްތާލަމުންދަކަމުގެ ތުހުމަތު ވެރިކަމަށް އިންތިޚާބުވެފައިވާ ޕާޓީ، އެމްޑީޕީގެ ފަރާތުން ވަނީ ކޮށްފައެވެ. އެހެންނަމަވެސް މިފަދަ ކަމެއް ކުރިކަމުގެ ކަށަވަރު މައުލޫމާތު މިހާތަނަށް ޢާންމުވެފައެއް ނުވެއެވެ. އަދި ދައުލަތުގެ އެއްވެސް މުހިންމު ލިޔެކިއުމެއް ނައްތާނުލާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.