ޚަބަރު

ބުރިޖު މަތީ ކުޑަ ބޭނުންކުރުމުގައި ސަމާލުވޭ - ފުލުހުން


ސިނަމާލެ ބްރިޖު މަތީގައި ސައިކަލް ދުއްވާއިރު ކުޑަ ބޭނުން ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަކުރާ ދުވަސްވަރަކަށްވުމުން ވައިގަދަވާ ވަގުތުތަކުގައި ބްރިޖާއި، ހައިވޭމަތީގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ކުޑަ ބޭނުން ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ. ފުލުހުން މިހެން ބުނެފައި މިވަނީ މި ދުވަސްވަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުން ދިއުމާ ގުޅިގެން ބްރިޖު ބޭނުންކުރާ ފަރާތްތަކުން ކުޑަ ބޭނުން ކުރާ މިންވަރު އިތުރުވެފައި ވާތީ އެކަމުގެ ތެރޭގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުންނެވެ.

ފުލުހުންގެ އިދާރާއިން މިހެން ބުނެފައިވާ އިރު، މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއްގަމު ދަތުރުތަކާއި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ކުރުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.