ޚަބަރު

ޗައިނާއާއި ރާއްޖޭގެ ގުޅުމުން ސާބިތުކޮށްދެނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން- ފޮރިން މިނިސްޓަރ


ޗައިނާފަދަ ދުނިޔޭގެ އިޤްތިޞާދީ ބޮޑު ބާރެއް ރާއްޖޭގައި އިންވެސްޓްކޮށް، ގާތްގުޅުމެއް ބޭއްވުމުން ހާމަވެގެންދަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަންކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ޗައިނާގެ 69 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 40 އަށްވުރެ ގިނަ އަހަރުވެފައިވާއިރު މިގުޅުމުގެ ސަބަބުން ދެޤައުމަށްވެސް ތަފާތު ގިނަ ފައިދާތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ބިޔަ މަޝްރޫޢުތައް ހިންގުމުގައި ޗައިނާގެ ކުންފުނިތަކުގެ ހިއްސާ ބޮޑުކަން މިނިސްޓަރ އާސިމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އާސިމް ވިދާޅުވީ ޗައިނާފަދަ ދުނިޔޭގެ އިޤްތިޞާދީ ބޮޑު ބާރެއް ރާއްޖޭގައި ބިޔަ ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށް، ގާތްގުޅުމެއް ބޭއްވުމުން ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން ހާމަވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިގުޅުން މިގޮތުގައި ދެމި އޮންނާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލީޒޯންގް ވަނީ ރާއްޖެއަކީ ޗައިނާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ޗައިނާގެ ވަން ބެލްޓް ވަން ރޯޑް އިނީޝިއޭޓިވްއަށް ރާއްޖެއިންދޭ އެއްބާރުލުން ސަފީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަަސީން އިންތިޒާމުކޮށްގެން ޗައިނާގެ 69 ވަނަ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި މި ހަފްލާގައި ކެބިނެޓް މިނިސްޓަރުންނާއި، ފޮރިން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ޙަފްލާގައި ރާއްޖެއާއި ޗައިނާގެ ސަޤާފީ އައިޓަމްތަކެއްޗެސް ހުށަހަޅައިދިނެވެ.