ޚަބަރު

އިންތިޚާބާ ގުޅޭ 423 ޝަކުވާ، ނަތީޖާއަށް އަސަރުކުރާފަދަ ޝަކުވާއެއް ނެތް


ރިޔާސީ އިންތިޚާބާ ގުޅިގެން 423 ޝަކުވާ ހުށަހަޅާފައިވާކަމަށާއި، ނަތީޖާއަށް އަސަރުކުރާފަދަ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށައަޅާފައިވާ މައްސަލަތައް ބަލައި ދިރާސާކޮށް، މިހާތަނަށް 229 ޝަކުވާއަށް ޖަވާބުދީފައިވާކަމަށެވެ. އަދި އިންތިޚާބު ބޭއްވި ދުވަހުން ފެށިގެން 27 ސެޕްޓޭމްބަރާ ހަމައަށް، ތަފާތު ބާވަތްތަކުގެ 238 މައްސަލަ ހުށަހެޅިފައިވާކަން ޝަރީފު ފާހަގަކުރެއްވިއެވެ. ރިޔާސީ އިންތިޚާބާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެފަދަ ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރި އިރު ވަގުތީ ނަތީޖާއާ ކޮންމެވެސް ވަރެއްގެ ތަފާތެއް އައިސްފައިވަނީ އިންތިޚާބުގެ ނަތީޖާ މެނެއަލްކޮށް ޓެލީކުރުމުންކަމަށެވެ. އަދި ވޯޓު ފޮށްޓެއް އަލުން ގުނުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.