ޚަބަރު

އެމްއެމްޕީއާރުސީން ފްރާންސްގައި ރާއްޖެ އިސްތިހާރުކުރަނީ


ފްރާންސްގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް އެންޑް ޓްރޭޑް ފެއަރ "އައިއެފްޓީއެމް ޓޮޕް ރެސަރ" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 34 ފަރާތަކުން ވަނީ މި ފެއަރަގައި ބައިވެރިވެފައެވެ. މިމަހުގެ 25 އިން 28 އަށް ފްރާންސްގައި ކުރިއަށްދާ މި ފެއަރގައި ރާއްޖެއިން ބައިވެރިވާ ވަފުދުގައި އިސްކޮށް ޙަރަކާތްތެރިވާނީ އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ޙާރިސް މުޙައްމަދެވެ.

މި ފެއަރގައި ރާއްޖެއިން ބަހައްޓަފައިހުރި ސްޓޭންޑް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރީތިކަން ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަޖުރިބާކުރެވޭނެފަދަ ގޮތަކަށެވެ. އެގޮތުން ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވީއާރު ގިއަރ ބޭނުންކޮށްގެން ރާއްޖޭގެ ޤުދުރަތީ ރީތިކަން ބަލާލެވޭނެއެވެ. އަދި ދިވެހި ބައެއް ކެއުންތަކުގެ ރަހަބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިފެއަރގެ ތެރެއިން ފްރާންސްއިން ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ވިޔަފާރި ބައްދަލުވުންތައް ކުރިއަށްދާނެއެވެ. އޭގެތެރޭގައި، އެއަރލައިންތަކާއި، ޓުއަރ އޮޕަރޭޓަރުން ހިމެނެއެވެ.

ފްރާންސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެކެވެ. 2016 ވަނަ އަހަރާއި އަޅާބަލާއިރު 2017 ވަނަ އަހަރު ފްރާންސްއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ %4.6 އިތުރުވެފައެވެ. އަދި މިއަހަރުގެ މިހާތަނަށް ފްރާންސްއިން 32403 ފަތުރުވެރިންވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ 2017 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %23.9 ކުރިއެރުމެކެވެ.