ޚަބަރު

ވިއްސާރައިގައި އައްޑޫސިޓީގެ ބައެއް ޞަރަޙައްދުތަކަށް އުދަ އަރާ ފެންބޮޑުވެއްޖެ


ރާއްޖޭގެ އެކި ހިސާބުތަކައް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތްދޭ ގޮތުގައި ވޭތުވެދިޔަ ދެ ދުވަސްތެރޭގައި އައްޑޫއަށް 140 މިލިމީޓަރ ވާރޭވެހިފައިވާ ކަމަށެވެ.

އައްޑޫސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިއްކުމުގެ މަސައްކަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯރސް (އެމްއެންޑީއެފް)ގެ ސަދަން އޭރިއާގެ ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ. އެމްއެންޑީއެފުން މަޢުލޫމާތުދޭގޮތުގައި، ފެން ޕަމްޕު ބޭނުންކޮށް މަގުތަކުން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާއިރު، ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އައްޑޫސިޓީއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީގެ ގުޅިފައވާ ރަށްތަކުގެ އިތުރަށް މީދުއަަށް އުދަ އަރާ ގެއްލުންލިބުނެވެ. އެގޮތުން އުދައިގެ ސަބަބުން މީދޫ ކޯގަންނު ހޭޅިފަށުން ގާތްގަޑަކަަށް ފަސް ވަރަކަށް ފޫޓް ވަނީ ގިރައިގެންގޮސްފައެވެ. މީދޫގެ އެކި ޞަރަޙައްދުތަކަށް އުދަ އަރަމުން ދާއިރު، މީދޫގެ ޙިމާޔަތް ކުރެވިފައިވާ ކޯގަންނު ގަބުރުސްތާނުގެ ވަށައި ފާރާ ހަމަޔަށް ތިންސަތޭކަ ފޫޓަށް އުދައަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ވިއްސާރައިގައި ވައިގަދަވެ އެރަށު ތެރޭގައި ޖަހާފަހުރި ލައިޓް ޕޯލްތައްވެސް ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތްދޭ ގޮތުގައި ވޭތުވެދިޔަ ދެ ދުވަހުގެތެރޭގައި އައްޑޫސިޓީއަށް 140 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް އަތޮޅުތަކަށްވަނީ މިހާރުވަނީ ޔެލޯ އެލަރޓް ނެރެފައެވެ.

އެއިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ ހއ އަތޮޅާއި އދ އަތޮޅާއި ދެމެދުގެ ސަރަޙައްދަށާއި، ގދ އަތޮޅާއި ސ އަތޮޅާއި ދެމެދުގެ ސަރަޙައްދަށެވެ. މި ހިސާބުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މުސުމާބެހޭ އިދާރާއިން ބުނެއެވެ. އަދި މި ޞަރަޙައްދުތަކަށް ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި އެ އިދާރާއިން ވަނީ ބ އަތޮޅާއި މ އަތޮޅާއި ދެމެދުގެ ސަރަހައްދަށާއި، ހުވަދު އަތޮޅުގެ ސަރަހައްދަށް ޔެލޯ އެލަރޓް ނެރެފައެވެ.