ޚަބަރު

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް މަދުވެއްޖެ


މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް މިދިޔަމަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ޢަދަދު އޭގެ ކުރީ މަހަށްވުރެ މަދުކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހު އެމިނިސްޓްރީއަށް 290 މައްސަލަ ހުށަހެޅިނަމަވެސް މިދިޔަމަހު އެމިނިސްޓްރީއަށް ހުށައަޅާފައިވަނީ 193 މައްސަލައެވެ. ޖުލައިމަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާގެ 152 މައްސަލަ ހުށައަޅާފައެވެ. ނަމަވެސް މިދިޔަ މަހު އެމިނިސްޓްރީއަށް ހުށަހަޅާފައިވަނީ 89 މައްސަލައެވެ.
އޮގަސްޓުމަހު އެމިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 26 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 20 މައްސަލައާއި އިހުމާލުވުމުގެ 18 މައްސަލަ ހިމެނެއެވެ. އަދި ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ ހުށައަޅާފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ އިތުރުން ކުށްކުރާ ކުޑަކުދިންގެ މައްސަލަތައްވެސް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ވަނީ ހުށަހަޅާފައެވެ. މިފަދަ 8 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެތެރޭގައި ހިމެނެނީ މާރާމާރީ ހިންގުމުގެ 3 މައްސަލައަކާއި ވައްކަން ކުރުމުގެ މައްސަލައަކާއި ތަންތަނަށް ގަސްތުގައި ގެއްލުންދިނުމުގެ މައްސަލައެކެވެ.