ޚަބަރު

އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫ ފޭދޫއަށް އުދަ އަރައިފި


އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫއަށް އުދަ އެރުމުގެ ސަބަބުން ގެއްލުންތަކެއްވެއްޖެއެވެ.

އައްޑޫސިޓީ މަރަދޫ އަދި މަރަދޫފޭދޫއަށް އުދައަރަން ފަށަފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މަރަދޫއަށް އުދައެރުމުގެ ސަބަބުން މަރަދޫގެ ބައެއް ގޭގެއާއި ވިޔަފާރި ހިންގާ ތަންތަނަށް ވަނީ ގެއްލުންތަކެއްވެފައެވެ. މީގެ އިތުރުން އައްޑޫސިޓީ ހަންކެޑެ ބްރިޖް ސަރަހައްދަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.

ރާއްޖޭގެ ދެކުނު އަތޮޅުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ލ. އަތޮޅާއި، އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އައްޑޫ ސިޓީގެ ހައުސިންގ މިނިސްޓްރީގެ ކޯރޑިނޭޓަރ އަޙްމަދު އަމަން ޢަލީ ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހުވެސް ގަދަ ވަޔާއިއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވާތީ އެކަމަށް އައްޑޫ ސިޓީ ރަށްތަކުގެ ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ ދުވަސް ތެރޭގައި އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި ފަސް ގެއަކަށް ފެން ވަދެފައިވާ ކަމަށް އަމަން ވިދާޅުވިއެވެ. އުދަ އަރައިގެންވެސް ހަ ގެއަކަށް ވެލި ބަސްތާ ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.