ޚަބަރު

ޕީޕީއެމްގެ ޤައުމީ މަޖިލިސް ހުއްޓުވުމަށް އިލެކްޝަނަށް ހުށަހަޅައިފި


ޕީޕީއެމްގެ އަސާސީ ޤަވާޢިދާ ޚިލާފަށް އެޕާޓީގެ ޤައުމީ ޖަލްސާ ބާއްވަންއުޅޭތީކަމަށްބުނެ، އެޕާޓީގެ ކޮންގްރެސް ހުއްޓުވައިދިނުމަށް އަމިއްލަ ފަރާތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމަށްއެކި އަމިއްލަ ފަރާތަކުން ކޮމިޝަނަށް ސިޓީއެއް ހުށަހަޅާފައިވާކަމަށާއި، މިގޮތަށް ހުށަހެޅޭ މައްސަލަތައް އޮންނަ އުސޫލުތަކާ އެއްގޮތަށް ބަލަމުންދާނެކަމަށެވެ. އަދި މިހާތަނަށް އެސިޓީއާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ޕީޕީއެމްގެ ޤައުމީ ޖަލްސާ މާދަމާ ފެށުމަށް ތައްޔާރުވަމުންދާއިރު، މައުލޫމާތު ލިބިފައިވާގޮތުން އެކަން ހުއްޓުވައި ދިނުމަށް އެދި އިލެކްޝަންސް އެކޮމިޝަނަށް ސިޓީ ފޮނުވާފައިވަނީ އެޕާޓީގެ ކުރީގެ ކައުންސިލް މެންބަރު މުޙައްމަދު ނަދީމް އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސަށް އޭނާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޕީޕީއެމްގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ އެޕާޓީގެ އަސާސީ ޤަވާއިދުގައި ބުނާ ހާލަތެއް މެދުވެރި ނުވަނީސްކަމަށެވެ. އެގޮތުން ޕީޕީއެމްގެ އަސާސީ ޤަވާޢިދުގައިވާ ގޮތުން ކޮންގްރެސް ބާއްވަންޖެހޭނެ ހާލަތްތަކަކީ ޕާޓީގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމާއި، ޕާޓީގެ އާންމު މެމްބަރުންގެ ތެރެއިން 25 ޕަސެންޓު މީހުން ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި ކައުންސިލަށް ހުށަހެޅުމާއި، ކޮންގްރެސްއެއް ބޭއްވުމަށް ޕާޓީގެ ކައުންސިލުން ފާސްކުރުން ކަމަށްވެސް މިސިޓީގައި ނަދީމް ވަނީ ފާހަގަކުރައްވާފައެވެ.

ޕީޕީއެމްގެ ކޮންގްރެސް ބޭއްވުމަށް އެޕާޓީގެ ކައުންސިލުން ކުއްލިގޮތަކަށް ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް އެޕާޓީގެ ހިންގުން ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނާ ޙަވާލުކުރިފަހުން މިހާރު އޮތް ޕީޕީއެމް ކައުންސިލަކީ އެޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ޞައްޙަ ކައުންސިލެއް ނޫން ކަމަށް މި ސިޓީގައި ބުނެފައިވެއެވެ.

ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ޙަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސިވިލް ކޯޓުން ނެރުނު އަމުރަކުންނެވެ.