 
										
			އެއްލައްކަ އަށްޑިހަހާށް ވުރެގިނަ ފައިސާއާ އެކު ބ. ކެންދޫ ތިޖޫރީ ވަގަށްނަގައިފިއެވެ. 
ބ.ކެންދޫ ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ރަޝީދު ވިދާޅުވީ، ތިޖޫރީގައި 188،925 (އެއްލަކަ އައްޑިހަ އައްހާސް ނުވަސަތޭކަ ފަންސަވީސް ) ރުފިޔާ ހުންނާނެކަމަށާ، ތިޖޫރީ ގެއްލުނުކަން އެންގުނީ މިއަދު ހެނދުނު އޮފީސް ހުޅުވުމުންކަމަށެވެ. 
ތިޖޫރީ ވަގަށް ނަގާފައިވަނީ ކައުންސިލްގެ މައި ދޮރު ހުންނަފަޅި ނޫން އަނެއްފަޅީގައި ހުންނަ ކުޑަދޮރެއް ހަލާކުކޮށް، ދޮރުގައި ޖަހާފައި ހުރި ދަގަނޑު ހޮޅިތައް ހަލާކުކޮށްލައިގެން ތިޖޫރީ ހުރި ކޮޓަރީގެ މައި ދޮރުގެ ތަޅު ހަލާކުކޮށްލައިގެންކަމަށް  އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
ތިޖޫރީގައި ހުރި ފައިސާއަކީ، ކައުންސިލަށް އެކި ގޮތްގޮތުން ލިބިފައި ހުރި ފައިސާ ކަމަށާއި، މުވައްޒަފުންގެ މުސާރަ ނެގުމަށް މިއަދު އޭދަފުއްޓަށް ދާއިރު، އެފައިސާގެ ތެރެއިން އެއްބައި ފައިސާ ޖަމާކުރަން ގެންދަން ނިންމާފައިވާކަމަށްވެސް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
ތިޖޫރީ ވަގަށް ނެގި މައްސަލަ މިހާރު ބ. ކެންދޫގައި ތިބޭ ފުލުހުންނާއި، ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުޤީގު ކުރަމުންނެވެ.