ޚަބަރު

މިއަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް، ރާއްޖެއައި ފަތުރުވެރިންނަށް ބޮޑުބެރުގެ މަރުޙަބާ!


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ރާއްޖެއައި ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދިވެހި ސަޤާފީ ބޮޑުބެރާއިއެކު ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މިއީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއޭސީއެލްއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ވަނީ ޙާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖެއައި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ކޮންމެ އަހަރަކުވެސް ފަތުރުވެރިންގެ ދުވަހާއި ދިމާކޮށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ފެށީ އދ. ގެ ޓޫރިޒަމް ޖަމްޢިއްޔާ ޑަބްލިޔޫޓީއޯއިން ނިންމި ނިންމުމަކާ ގުޅިގެން 1980 ވަނަ އަހަރުއެވެ.

ދުނިޔޭގައި ކޮންމެ އަހަރަކު ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ފަތުރުވެރިކަމާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށެވެ. ޚާއްޞަކޮށް، ޤައުމުތަކާއި ޖަމާޢަތުގެ އިޖްތިމާޢީ، ޘަޤާފީ، ސިޔާސީ އަދި އިޤްތިޞާދީ އަގުތައް ދެނެގަތުމުގެ މުހިންމުކަން މީހުންނަށް އަންގައިދިނުމަށެވެ.

ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވީ 1972 ވަނަ އަހަރުއެވެ. ރާއްޖޭގައި ތިބި ފަތުރުވެރިކަމަށް ޝައުޤުވެރިކަން ހުރި ބަޔަކު، ސަރުކާރާ ގުޅިގެން، ސްރީލަންކާއަށް ޒިޔާރަތްކުރި ޔޫރަޕްގެ ފަތުރުވެރިންގެ ގްރޫޕެއް ރާއްޖެ ގެނެސް، އެމީހުންނަށް ޚިދުމަތް ދިނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފުރަތަމަ ޙަރަކާތެވެ. އޭގެފަހުން ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމާ ބެހޭގޮތުން ބޭރުގެ ތަޖުރިބާކާރެއްގެ އެހީގައި ދިރާސާކުރުމުން، ރާއްޖެއަކީ ފަތުރުވެރިކަން ތަރައްޤީކުރެވޭނެ ޤައުމެއް ނޫންކަމަށް ލަފާ ލިބުނުނަމަވެސް ދިވެހި ސަރުކާރާއި ފަތުރުވެރިކަން ތަރައްޤީކުރަން އިސްނެގި ދިވެހިން އެ ލަފައަށް މާބޮޑު އިސްކަމެއް ނުދީ، ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތްފެށިއެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވިތާ 46 އަހަރު ފުރިފައިވާއިރު، މިއަދު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ މުޅި ދުނިޔެއަށް ނަމޫނާ ޞިނާޢަތެކެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ކާމީޔާބީ ދައްކައިދޭ ކަންކަމުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން އައުމާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޭރުގެ މަޝްހޫރު ބްރޭންޑަތަކުން އިންވެސްޓްކުރުމާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުން އެހެން ޤައުމުތައް ނަމޫނާ ނެގުމާއި ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ބަހާގެ ގޮތުގައި ފަތުރުވެރިކަން ހިމެނުމާއި ދިވެހިންގެ އެތައް ބަޔަކު މިދާއިރާގެ މޮޅު ޚިދުމަތްތެރިނަށްވުން ހިމެނެއެވެ.

އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިއަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނައިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުތަށްކަމަށްވާ އޭ-380 ގެ ބޯޓުތަކަށް ޖެއްސޭ ފެންވަރުގެ ރަންވޭއެއްވެސް ތަރައްޤީކޮށްފައެވެ. އަދި ސަރުކާރުން އަންނަނީ އެއަރޕޯޓް ތަރައްޤީކުރުމަށް 1 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުއެއް ކުރިއަށްގެންދަމުންނެވެ. މި މަޝްރޫޢު ނިމުމާއެކު 7.5 މިލިއަން ފަތުރުވެރިންނަށް ރާއްޖެ ހުޅުވިގެންދާނެއެވެ.