ޚަބަރު

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމްގެ ވަކީލުކަމުގެ ސަސްޕެންޝަން އުވާލައިފި


ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމަށް ޤާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓްތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަލުން ދީފިއެވެ.

ޤާނޫނީ ވަކީލް ހުސެއިން ޝަމީމް، ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުން މަނާކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ޝަމީމް މާޢާފަށް އެދިފައިވާތީ އޭނާގެ ސަސްޕެންޝަން މިހާރު އުވާލާފައިވާކަމަށެވެ.

ޝަމީމް ޤާނޫނީ ވަކީލުކަމުން ސަސްޕެންޑްކުރުމަށް ސުޕްރީމްކޯޓުން ނިންމާފައިވަނީ އޭނާގެ ޓުވިޓަރ އެކައުންޓުން މިމަހުގެ 1 ވަނަ ދުވަހު ފަނޑިޔާރެއްގެ ހުރުމަތްކެނޑޭ ގޮތަށް ކުރި ޓުވީޓަކާ ގުޅިގެންނެވެ. މިމައްސަލައިގައި އޭނާ މަޢާފަށްއެދުމާއެކު ކޯޓުތަކާއި، ފަނޑިޔާރުންގެ ހުރުމަތްކެނޑޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެ، އެފަދަ ކަމެއް އިތުރަށް ތަކުރާރުކޮށްފިނަމަ ދިވެހިރާއްޖޭގެ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މަނާކުރެވޭނެ ކަމުގެ އިންޒާރުދީ އޭނާގެ ސަސްޕެންޝަން އިއްޔެއިން ފެށިގެން ނިމުކަމަކަށް ގެނައުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާކަމަށް ޖުޑީޝަރީން މައުލޫމާތުދެއެވެ.

ޤާނޫނީ ވަކީލް ހުސައިން ޝަމީމް މީގެ ކުރިންވެސް ދެފަހަރެއްގެ މަތީން ވަނީ ޤާނޫނީ ވަކީލުކަމުން ސަސްޕެންޑްކޮށްފައެވެ. ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ ބައެއްފަހަރު ވަކީލުން ސަސްޕެންޑްކުރާކަމަށްބުނެ ސުޕްރީމް ކޯޓުން ވަކީލުން ސަސްޕެންޑްކުރާ އުސޫލަށް ބައެއް ޤާނޫނީ ވަކީލުންވަނީ ފާޑުކިއުން އަމާޒުކޮށްފައެވެ. ނަމަވެސް ޤާނޫނީ ވަކީލު ޙުސެއިން ޝަމީމް ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓަށް ޙާޟިރުކޮށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްފަހުއެވެ.