ޚަބަރު

ހުޅުމާލޭގައި ތަރައްޤީކުރާ ސްޕޯޓްސް އެރީނާގެ މަަސައްކަތް މިއަހަރު ނިމޭނެ- އެޗްޑީސީ


ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެގޮތް ހައްދަވައިދެއްވުމުގެ ގޮތުން ހުޅުމާލޭގައި ތަރައްޤީކުރާ އިންޑޯރ އަދި އައުޓްޑޯރ ސްޕޯޓްސް އެރީނާގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ އާންމުންނަށް ހުޅުވާލާނެކަމަށް އެޗްޑީސީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ނާސިފް ވިދާޅުވީ ހުޅުމާލޭގައި ތަރައްޤީކުރާ އިންޑޯރ އަދި އައުޓްޑޯރ ސްޕޯޓްސް އެރީނާގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށެވެ.

ތިރީސް ހާސް އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ތަރައްޤީކުރާ އައުޓްޑޯ އެރީނާގައި އެކި ކަހަލަ ކުޅިވަރުތަކާއި ޚާއްސަކޮށް އެތުލެޓިކްސްގެ އެކިކަލަ ހަރަކާތްތައް ކުރިއަށްގެންދެވޭނެ ގޮތަށް ހަމަޖައްސާފައިވާއިރު، ފަސޭހަކަމާއެކު އާއްމުންނަށް ކުޅިވަރުތައް ބަލަންތިބެވޭ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެކަމަށް ނާސިފް ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ ދެ ފަންގިފިލާއަށް އިމާރާތްކުރާ އިންޑޯރއެރީނާގައި 25 މީޓަރުގެ ސްވިމިން ޕޫލަކާއި ޖިމަކާއި ރެސްޓޯރެންޓްއެއްވެސް ހުންނާނެކަމަށެވެ. އަދި މިތަނުގައި ބައިނަލްއަޤްވާމީ މިންގަޑުތަކާއެކު ކުޅިވަރުކުޅޭވޭނެ ކޯޓުތަކެއް ޤާއިމްކުރާއިރު އިންޑޯރގައި ކުޅެވޭ އެކިކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ނާސިފް ވިދާޅުވިއެވެ.

ހުޅުމާލެގައި މިހާރުވެސް ޒުވާނުންނަށް ކުޅިވަރު ކުޅެ، މުނިފޫހިފިލުވުމަށް ގިނަ ވަޞީލަތްތަކެއް ސަރުކާރުން ވަނީ ޤާއިމްކުރައްވާފައެވެ. މީގެތެރޭގައި ފުޓްސަލް ދަނޑުތަކާއި ސްކޭޓް ޕާކާއި ޒުވާނުންގެ މަރުކަޒުތައް ހިމެނެއެވެ.