ޚަބަރު

މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު %9.1 އިތުރުވެއްޖެ


މިދިޔަ އަހަރުގެ ފުރަތަމަ 8 މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %9.1 އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިއަހަރުގެ އޯގަސްޓްމަސް ރާއްޖެއަށް 123،992 (ސަތޭކަ ތޭވީސްހާސް ނުވަސަތޭކަ ނުވަދިހަދޭއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓްމަހާއި އަޅާބަލައިރު %2.2 ކުރިއެރުމެކެވެ. 2017 ވަނަ އަހަރުގެ އޯގަސްޓްމަހު ރާއްޖެއަށް ޒިޔާރަތްކުރީ 121،310 (ސަތެކަ އެކާވިސްހާސް ތިންސަތޭކަ ދިހައެއް) ފަތުރުވެރިންނެވެ.

އޯގަސްޓްމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 5 މާކެޓަށްބަލާއިރު ޗައިނާއިން %20، އިނގިރޭސިވިލާތުން %7.7، ޖަރުމަނުވިލާތުން %7.3، އިޓަލީވިލާތުން %7.2 އަދި އިންޑިއާއިން %5.3 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

2018 ވަނަ އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %52 އިންސައްތައަކީ އަންހެނުންނެވެ. އަދި %48 ފިރެހެނުންނެވެ.