ޚަބަރު

ބަދަލުހިފުމުގެ ރޫހެއްގައި އެއްވެސްކަމެއް ނުކުރާނަން - ކޯލިޝަން


ވެރިކަން ބަދަލުވިޔަސް ބަދަލުހިފުމުގެ ރޫހެއްގައި އެއްވެސްކަމެއް ނުކުރާނެކަމަށް އިންތިޙާބު ކާމިޔާބުކުރި ކޯލިޝަނުން ބުނެފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސައިން ރަޝީދު ވިދާޅުވީ، ކެމްޕެއިންގެ ތެރޭގައި ކޯލިޝަނުން ވެފައިވާ ވައުދުތައް ފުރިހަމަކުރާނެކަމަށާއި، އެއްވެސްކަމެއް ބަދަލު ހިފުމުގެ ރޫހެއްގައި ނުކުރާނެކަމަށެވެ.

ހުސައިން ރަޝީދު ވިދާޅުވީ، ކޯލިޝަން ބަދަހިކަމާއިއެކު ދެމިއޮންނާނެކަމަށާއި މިއީ އެހެން ކޯލިޝަންތަކާއި ތަފާތު ކޯލިޝަންއެއްކަމަށެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ކެމްޕެއިންގައި އަޅުގަނޑުމެން ކުރި ވައުދުތައް ކޮރަޕްޝަނާއި، ފަސާދައާއި، ވައްކަމާއި ދެކޮޅަށް އަޅުގަނޑުމެން ދެއްކި ވާހަކަތަކާއި ވީ ވައުދުތައް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުރިހަމަ ކުރާނަން. މިއިން އެއްވެސްކަމެއް އަޅުގަނޑުމެން ކުރާނީކީ އެއްވެސް މީހެއްގެ ކިބައިން ބަދަލުހިފުމުގެ ނުބައި ނިޔަތުގައެއްނޫން." ހުސައިން ރަޝީދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ، މި އިންތިޙާބު ކޯލިޝަނަށް ކާމިޔާބުކުރެވުނީ އިންތިޙާބެއް ކާމިޔާބުކުރުމަށް ބޭނުންވާ މައިގަނޑު 2 ކަމެއްގައި ހިފެހެއްޓުމުންކަމަށެވެ. އޭގެތެރޭގައި އިންތިޒާމްވެގެން ކަންކަން ކުރެވުމާއި، މުހިންމު ރަނގަޅު މެސެޖް ރައްޔިތުންނަށް ފޯރުކޮށްދިނުން އޭނާ ފަހަގަކުރެއްވިއެވެ.
އަދި ދިވެހިރާއްޖެ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި އޮވެގެން ކުރިއަށްދިއުމަށް ދިވެހި ރައްޔިތުން ބޭނުންވާކަން އެނގިގެން ހިނގައްޖެކަމަށާއި، އެތަރައްޤީ ގުޅިފައިވާ ޕާޓީތަކުން ގެނެސްދޭނެކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

ގުޅިފައިވާ ކޯލިޝަނުން އިންތިޙާބު ކާމިޔާބުކުރުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އަދި ވަރަށް އަވަހަށް އުފާފާޅުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވާނެކަމަށް ގުޅިފައިވާ ކޯލިޝަނުން ބުނެއެވެ.