ޚަބަރު

އިބްރާޙީމް މުޙައްމަދު ސާލިޙު މާލޭގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވައިފި


ރިޔާސީ އިންތިޚާބުން ކާމިޔާބު ހޯއްދެވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞޯލިޙް މާލޭގައި ތިބި ސަޕޯޓަރުންނާއި ބައްދަލުކުރުމަށް ޚާއްސަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި ހަރަކާތުގައި އިބްރާހިމް މުޙައްމަދު ޞޯލިޙުއާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ އެބޭފުޅުންގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ، އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

މި ހަރަކާތުގައި ބައިވެރިވި ޢާންމުން ވަނީ އެމީހުންގެ އިޙުސާސްތައް ޕީއެސްއެމް ނިއުސް ޓީމާއި ޙިއްސާކޮށްފައެވެ. މިގޮތުން އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ގިނަ ކަންތައްތަކެއް އުއްމީދުކުރާކަމަށް އެމީހުން ބުންނެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް، އިބްރާހިމް މުޙައްމަދު ޞާލިހު ރިޔާސީ އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެކި ޙަރަކާތްތައް ކުރިއަށް ދިޔައެވެ. އިބްރާޙީމް މުޙައްމަދު ޞޯލިޙު އިންތިޚާބު ކާމިޔާބުކުރައްވާފައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ވާދަކުރައްވައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާގައިވާ ގޮތުން، އިބްރާޙީމް މުޙައްމަދު ޞޯލިޙަށް ލިބިވަޑައިގެންފައި ވަނީ އެއްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ ވޯޓެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައި ވަނީ ނުވަދިހަ ހަހާސް އެއްސަތޭކަ ތިރީސް ދެ ވޯޓެވެ.