ޚަބަރު

އެއް މަސްދުވަހަގުގެ ކުރިމަތިލުންތަކުގައި ތުރާބުލުސްގައި 115 މަރު


ލީބިޔާގެ ވެރިރަށް ތުރާބުލުސްގައި ވާދަވެރި ދެ ހަނގުރާމަވެރި ޖަމާޢަތާ ދެމެދު ވޭތުވެދިޔަ އެއް މަސްދުވަހު ހިނގާފައިވާ ކުރިމަތިލުންތަކުގައި މިހާތަނަށް 115 މީހުން މަރުވެފައިވާކަމަށް ލީބިޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި އަސްކަރީ ކުރިމަތިލުންތަކުގައި ޒަޚަމުވެފައިވާ ފަރާތްތަކުގެ ޢަދަދު ތިންސަތޭކަ އަށްޑިހަ ތިނަކަށް އަރާކަމަށް، ލީބިޔާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އެ ވުޒާރާގެ މީޑިއާ އޮފިސަރު ވިދާދް އަބޫ އަލް ނިރާން ވިދާޅުވީ، މި ކުރިމަތިލުންތަކުގައި މިހާތަނަށް ޒަޚަމުވި ބައެއް މީހުންގެ ހާލަތު ގޯސްވުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު އިތުރުވުމަކީ އެކަށިގެންވާ ކަމެއްކަމަށެވެ.

އަދިވެސް ކުރިމަތިލުންތައް ހިންގަމުންދާ ކަމަށާއި މިކަމުގެ ސަބަބުންވެސް މަރުވި މީހުންގެ ޢަދަދު އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ތުރާބުލުސްގައި ހަމަލާތައް ބަދަލުކުރަމުންދަނީ އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އެންމެ ބޮޑު ދެ ހަނގުރާމަވެރި ޖަމާޢަތުންނެވެ.

އެ ފަރާތްތަކުން ދަނީ ތަރާބުލުސްގައި ޢާއްމުން އުޅޭ ސަރަހައްދުތަކުގައިވެސް ހަމަލާތައް ބަދަލުކުރަމުންނެވެ. މި ކަމުގެ ސަބަބުން ބައިނަލްއަޤުވާމީ ދުނިޔެއިން މިކަމުގައި ކަންބޮޑުވުންތައް ހާމަކޮށްފައިވާއިރު އދން ވަނީ ހަމަލާތައް ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.