ރާއްޖޭގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް އަމާން، އޮމާންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު، އަދި އެކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އިންތިޚާބުގެ ވޯޓުލުންކުރިއަށްދާއިރު މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާ، ވޯޓަށް ހުރަސްއެޅޭފަދަ ކަމެއް ހިނގާފައި ނުވާކަމަށެވެ. އަދި މިހާތަނަށް ދިމާވެފައިވަނީ ވަރަށް ކުދިކުދި މައްސަލަތަކެއް ކަމަށާ، ހައްލުކުރަން ދަތިވާވަރުގެ މައްސަލައެއް ދިމާވެފައި ނުވާކަމަށެވެ.
އަކްރަމް ވިދާޅުވީ ޖުމްލަކޮށް ބަލާނަމަ އިންތިޚާބުގެ ހުރިހާކަމެއްވެސް ކުރިއަށްދަނީ ވަރަށް އަމާން އޮމާންކޮށް ކަމަށެވެ.
މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ވޯޓުލުން ކުރިއަށްދާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެވެސް ޢާންމު ޙާލަތު ރަނގަޅުކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަނުގެ ދަށުން ފުލުހުންދަނީ ވޯޓުލާ ހުރިހާ މަރުކަޒެއް ހުރި ސަރަހައްދުތަކުގައި ޙަރަކާތްތެރިވަމުންނެވެ.