ޚަބަރު

ހިޔާ މަޝްރޫޢުގެ ފޯމް ބަލައިގަތުން ހޯމަ ދުވަހާހަމައަށް މެދުކަނޑާލައިފި


މިއަދު އިރުއޮއްސި 6 އިން ފެށިގެން ރިޔާސީ ހޯމަދުވަހުގެ ހެނދުނާހަމައަށް "ހިޔާ" މަޝްރޫޢުގެ ފޯމް ދޫކުރުމާއި ބަލައިގަތުން މެދުކަނޑާލަން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަޙްމަދު ފަޒާލް ވިދާޅުވީ މާދަމާ ރިޔާސީ އިންތިޚާބުގެ ވޯޓްލުން ކުރިއަށްދާނެތީ ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވެހިކަމުގެ މަޝްރޫޢު "ހިޔާ" އަށް ފޯމް ދޫކުރުމާއި، ފޯމް ބަލައިގަތުން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ. ފަޒާލް ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމް ދޫކުރުމާއި، ފޯމް ބަލައިގަތުން މިއަދު ހަވީރު 6 އިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި ދެން ފޯމް ދޫކުރުމާއި، ބަލައިގަންނަން ފަށާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9 އިން ފެށިގެން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށްއެދި އަށާރަ ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ފޯމް ހުށަހަޅާފައިވާކަމަށެވެ. އަދި ހިޔާ މަޝްރޫގެ ދަށުން އިމާރާތް ކުރަމުން ގެންދާ ފްލެޓްތަކަށް ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ފްލެޓް ދޭން ރައީސް ޢަބްދުﷲ ޔާމީން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން އިޢުލާންކުރައްވާފައެވެ.

"ހިޔާ" ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.