ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަޖަހާފައިވާކަން ޔަޤީންވާހާހިނދަކު ވޯޓު ބާޠިލް ނުކުރާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަރީފް ވިދާޅުވީ، އިންތިޚާބުގައި ވޯޓު ގުނާ ގޮތާބެހޭގޮތުން ފަތުރަމުންދަނީ ޙަޤީޤަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ. ޝަރީފް ވިދާޅުވީ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހަން ޚާއްޞަކޮށްފައިވާ ގޮޅިން ބޭރުގައި ފާހަގަ ޖަހައިފިނަމަ އެ ވޯޓަކީ ބާޠިލް ވޯޓެއްގެ ގޮތުގައި ގުނާނެކަމަށްބުނެ ދައްކަމުންދަނީ ޙަޤީޤަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހަން ޚާއްޞަކޮށްފައިވާ ގޮޅިން ބޭރުގައި ފާހަގަ ޖެހިނަމަވެސް އެ ފާހަގަ ޖަހާފައިވަނީ ކެންޑިޑޭޓުގެ ނަމާ ދިމާލުގައިކަން ކަށަވަރުވާނަމަ އެވޯޓު ޤަބޫލުކުރާނެކަމަށެވެ.
"ހޮރިޒެންޓަލްކޮށް ނަން އިންނައިރު ކޮންމެ ދިމާލެއްގައި އިނަސް ގޮޅިމަތީގައި އިނަސް ގޮޅިން ބޭރުގައި އިނަސް ލޯގޯގައި އިނަސް އަޅުގަނޑުމެން އެ ކައުންޓުކުރާނަން" ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ވޯޓު ބާޠިލްކުރާނެ ހާލަތްތައް ވަރަށް ސާފުކަމަށާ، ހަމަ އެކަނި ޞައްހަ ނޫން ވޯޓެއްގެ ގޮތުގައި ބަލާނީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ވަކިކުރަން ނެގޭނަމަ އެކަނި ކަމަށެވެ.
ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސް ބާތިލްވާނެ ޙާލަތްތައް ކަނޑައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަނުން ނޫންކަމަށާ، އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނީ ހަމަތަކެއް ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން މާދަމާ އޮންނައިރު ސަރުކާރުން ވަނީ މާދަމާއަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި މިއަދު ހަވީރު 6:00 އާއި 24 ސެޕްޓެމްބަރ ވާ ހޯމަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ކެންޕެއިން ކުރުމަކީ ޤާނޫނީގޮތުން މަނާ ކަމެކެވެ.
މާދަމާ ހެނދުނު އަށެއް ޖަހާއިރު ވޯޓުލުން ފަށާއިރު މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ދުއިސައްތަ ފަސްދޮޅޮސް ދެހާސް އެއްސަތޭކަ ތިރީސް ފަސް މީހުންނަށް ލިބިފައިވެއެވެ. އަދި މުޅި ޖުމްލަ ހަތަރުސަތޭކަ ހަތްދިހަ ދެ ވޯޓު ފޮށި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވެއެވެ.