ސިޔާސީ

ކިޔަވާ ކުދިންގެ އަޙްލާގު ގޯސްވެގެން ދިޔައީ އެމްޑީޕީ ވެރިކަމުގައި- ޑރ ޒިޔާދު


ރާއްޖޭގެ އިޖްތިމާއީ ފޭރާން ހަލާކުވެ، ކިޔަވާ ކުދިންގެ އަޙްލާގު ގޯސްވެގެން ދިޔައީ އެމްޑީޕީ ވެރިކަމުގައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ބ.އޭދަފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން 2012 އާ ދޭތެރޭގައި ހިނގާ ދިޔަކަންކަން އިއްޔެ ވީކަމެއްހެން ހުރިހާ ބޭފުޅުންވެސް ހަނދާން ހުންނާނެކަމަށެވެ. އަދި މިއަދު ރައީސް ޔާމީނާ ވާދަކުރައްވާ ކެނޑިޑޭޓަކީ ރާއްޖޭގެ އަޙްލާގީ އިޖްތިމާއީ ފޭރާން ހަޑިކޮށްލި އިރު އަޅާވެސް ނުލާ އެމްނަޒަރު ބަލަން ކައިރީގައި ހުންނެވި ބޭފުޅެއްކަމަށް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު އުފެދިގެންދިޔައީ ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލި ހިސާބުންކަމަށެވެ. އަދި ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލި ހިސާބުން މިއަދާ ހަމައަށް ކަންހިނގައި ދިޔަގޮތް އާދިލް ވަނީ ވަރަށް ތަފްސީލްކޮށް މިޖަލްސާގައި ކިޔާދެއްވާފައެވެ.