ޚަބަރު

މިއަދު ހަވީރު 6 ގެ ފަހުން ކެމްޕެއިން ނުކުރުމަށް އަންގައިފި


މިއަދު ހަވީރު 6 އާ 24 ސެޕްޓެމްބަރ ވާ ހޯމަ ދުވަހުގެ ހެނދުނު 6 އާ ހަމައަށް ކެންޕެއިން ނުކުރުމަށް އިލެކްޝަން ކަމިޝަނުން އަންގައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ކަމެއް މިއަދު ހަވީރު 6 ން ފެށިގެން 24 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ ހެނދުނު 6 އާ ދެމެދު، އެއްވެސް ވަޞީލަތެއްގެ ބޭނުންކޮށްގެން އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާފައެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 6 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6 އާ ދެމެދު، އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް، ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެއް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރަނީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލިހެވެ.