ޤައުމަކަށް އެންމެ އެކަށޭނަ ތަރައްޤީއާއި ކާމިޔާބީ ޙާސިލުކުރެވޭނީ އެއް ވިސްނުމަކަށް އަދި އެއްމިސްރާބަކަށް މަސައްކަތްކުރާ ވިސްނުމެއް ހުރެގެންކަމަށާއި، ރައީސް ޔާމީނު ފިޔަވައި މިފަދަ ވިސްނުމެއް ގެންގުޅުއްވާ އެހެން އެއްވެސް ވެރިއަކު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިވަގުތު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެމެމްބަރ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ އިދިކޮޅު އެމްޑީޕީއަކީ އަބަދުވެސް ޢާންމުންގެ މެދުގައި ދޮގުޚަބަރުތަށް ފަތުރާ މުޖުތަމަޢުގެ އެއްބައިވަންތަކަން ނިގުޅައިގަތުމަށް މަސައްކަތްކުރާ ބައެއްކަމަށެވެ. އެގޮތުން އިދިކޮޅު އިއްތިޙާދުގެ ނަމުގައު މިހާރު އުފައްދާފައިވާ އިއްތިޙާދުގެ މެދުގައި އެއްވެސް އެއްބައިވަންތަކަމެއް ނެތްކަން އަލްހާން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބަޔަކަށް ޤައުމު އަމާން މަންޒިލަކަށް ވާޞިލްކޮށް ނުދެވޭނެކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ ވިދާޅުވީ ޕީޕީއެމްއަށް އައްޑޫސިޓީގައި ތާޢީދު ނެތްކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކާއިރު، ޕީޕީއެމް އިން ގޮވާލި ކޮންމެ ގޮވާލުމަކަށްވެސް އައްޑޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން އިޖާބަދެމުންދާކަމަށެވެ.
އިބްރަހިމް ދީދީ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އައްޑޫގެ އިތުރުން ރާއްޖޭގެ ކޮންމެރަށެއްގެ މުސްތަޤުބަލުވެސް އުޖާލާވެގެން ދާނެކަމަށެވެ. އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އައްޑޫ ސިޓީން އެމްޑީޕީގެ ވިސްނުމަށް ނޫނެކޭ ބުނާނެފަހަރުކަމަށްވެސް އިބްރާހީމް ދީދީ ވިދާޅުވިއެވެ.
އައްޑޫ ސިޓީއިން އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިންއަށް އޮތް ތާޢީދު ދައްކާލުމަށް ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި ސަރުކާރަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންންގެ އިތުރުން ޕީޕީއެމްގެ ގިނަ ޢަދަދެގެ ސަޕޯޓަރުން ބައިވެރިވިއެވެ.