ޚަބަރު

ޑރ.ޝަހީމް ނ.އަތޮޅަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު، ރިޔާސީ އިންތިޚާބަށް ތާޢީދު ހޯއްދެވުމުގެ ގޮތުން ނ.އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ.ޝަހީމް ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ނ. ޅޮއްސައްށެވެ. ޅޮހިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި އެރަށު ރައްޔިތުންނާ ބައްދަލުކޮށް، ހާލު އޮޅުން ފިލުއްވެވިއެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެ އަތޮޅު މަގޫދޫއަށާއި ވެލިދޫ އަދި ފޮއްދޫއަށް ވަޑައިގަންނަވާފައެވެ.

މި ރަށްތަކަށް ވަޑައިގަތުމުންވެސް އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި އެރަށުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައިވާއިރު، ރަށުގައި ދިރިއުޅޭ ރަށްޔިތުންނާ ވަނީ ވަކިވަކިން ބައްދަލުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އޮތް ތާޢީދު އިތުރު ކުރެއްވުމަށް ޑރ.ޝަހީމް ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނ.އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކެނދިކޮޅުދޫއަށާއި ހޮޅުދޫއަށް ޝަހީމް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.