ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ"އަށް ފޯމް ހުށަހަޅާ ހުރިހާ އެންމެންނަށް ފްލެޓްގެ ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފިއެވެ.
ސަރުކާރުން މިކަން ހާމަކުރީ ރައީސުލްޖުމްހޫރިއްޔަ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ދެވަނަ ދައުރުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ "ހިޔާ-އެކޮމްޕްލިޝްޑް ވިލިމާލެ 2" ގެ ބިޔަ މަޝްރޫޢުގެ މާސްޓަރ ޕްލޭން އިފްތިތާޙުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަފިޔަވަހީގެ "ހިޔާ" މަޝްރުޢުއަށް މިހާރުވެސް ގާތްގަނޑަކަށް އަށާރަހާސް މީހުން ފޯމް ލާފައިވާކަމަށާ، ހިޔާ މަޝްރުޢަށް ފޯމުލާ ހުރިހާ އެންމެންނަށް ފްލެޓް ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށެވެ.
ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.
ހުޅުމާލޭ ހިޔާ މަޝްރުޢުއަކީ ގާތްގަނޑަކަށް އެއްލައްކަ ސާޅީސްހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ސަރުކާރުން ހިންގާ ބިޔަ މަޝްރުޢުއެކެވެ. މިމަޝްރުޢުއަށް ފޯރމް ހުށަހެޅުމުގެ ފުރުސަތު ދެފަހަރެއްގެ މަތިން ބަދަލުކޮށްފާވާއިރު މިމަހުގެ ތިރީހާ ހަމައަށް މި މަޝްރުޢުއަށް ފޯރމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިނިސްޓަރ މުޢިއްޒު ވިދާޅުވީ "ހިޔާ އެކޮމްޕްލިޝްޑް ވިލިމާލޭ 2"ގެ މަޝްރުޢުއާއެކު ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ މުޅިން ހައްލުވެގެންދާނެކަމަށެވެ. "ހިޔާ އެކޮމްޕލިޝްޑް" މަޝްރުޢުއަކީ ސަރުކާރުން ވަކި ޚާއްސަކަމެއްދީގެން ކުރިއަށްގެންދާ ބިޔަ މަޝްރޫޢެއްކަމަށާ، މިމަޝްރުޢުގައި އެންމެ ބޮޑަށް އިސްކަންދީގެން ބަލާނީ އެންމެ ދަތި ޙާލުގައި އުޅޭ ރައްޔިތުންނަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރވަނީ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދެވި ބައެއް ބިޔަ މަޝްރޫޢުތަކާއި އެކަންކަމުގެސަބަބުން ޢާއްމުރައްޔިތުންނަށް ލިބުނު ކުރިއެރުމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ. ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢުގެ ދަށުން ގުޅީފަޅުން 230 ހެކްޓަރު އަދި މާލޭ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިމެނޭހެން ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.