ޚަބަރު

ދައުރު ނިމޭއިރު ސަރުކާރުގެ 5 އަހަރުގެ ލަނޑުދަނޑި ހާސިލުވާނެ - ހެލްތް މިނިސްޓަރ


ރައީސް ޔާމީންގެ ވެރިކަމުގެ މި ދައުރު ނިމޭއިރު، ސިއްޙީ ދާއިރާއިން މި 5 އަހަރަށް ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އަލަށް ބެހެއްޓި އެމްއާރްއައި މެޝިންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާޙީމް ވިދާޅުވީ ސިއްޙީ ނިޒާމަކީ މި ސަރުކާރުން އެންމެ ބޮޑަށް ތަރައްޤީކުރި އެއް ދާއިރާކަމަށެވެ. އެގޮތުން، ބޮޑެތި ބަލިތަކުގެ ފަރުވާ ރާއްޖެއަށް ތަޢާރަފްކުރުމާއި، ހުޅުމާލޭ ހޮސްލިޓަލްގައި އެމްއާރްއައިފަދަ ބޮޑެތި ޓެސްޓްތައް ހެދުމުގެ އިންތިޒާމަކީ ސިއްޙީ ދާއިރާ ފުޅާވަމުން އަންނަ މިންވަރު ހާމަވެގެންދާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި މަސައްކަތްތަކާއެކު މި ފަސްއަހަރުގެ ސިއްޙީ ސިޔާސަތުތައް ފުރިހަމަވީ. މި ޚިދުމަތްތަކާއިއެކު ރާއްޖެ ވެގެންދާނީ ނިސްބަތުން މި ސަރަޙައްދުގައި އެންމެ ހެޔޮއަގުގައި، އެންމެ ފަސޭހައިން ސިއްޙީ ޚިދުމަތް ލިބޭ ޤައުމަށް. މި ސަބަބުތަކާއިހުރެ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ އަދަދުވަނީ 31 އިންސައްތަ ދަށަށް ގޮސްފައި" ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި އެމްއާރްއައި މެޝިން ބަހައްޓައި ޓެސްޓް ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އެކަމަށް ބޭނުންވާ ޑޮކްޓަރުންނާއި މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނެއެވެ. އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަޒީމް ވިދާޅުވީ މި ޚިދުމަތް ދިނުމަށް އެ ހޮސްޕިޓަލްގައި އަބަދުވެސް ޑޮކްޓަރުން ތިބޭނެކަމަށެވެ.

"މި މެޝިނަކީ ރާއްޖޭގައި ހުރި އެންމެ އެޑްވާންސް މެޝިން. އާއްމުކޮށް އެމްއާރްއައިއަށް ބޭރަށް ފޮނުވަނީ ބަރުދަން އިތުރުމީހުން، ނަމަވެސް މި މެޝިނުން ބަރުދަން އިތުރު މީހުންނަށްވެސް ޓެސްޓް ހެދޭނެ. އަވަށްޓެރި ޤައުމުތަކުގައި ހުރި އެމްއާރްއައި މެޝިންތަކާއި ވާދަކުރާ ފެންވަރުގެ މެޝިނެއް މިއީ" - އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ

އަޒީމް ވިދާޅުވީ އަންނަމަހު ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރާމްގެ ޚިދުމަތް އަދި އެއަށްފަހު ވަރަށް އަވަހަށް ސީޓީ ސްކޭން ހެދުމުގެ ޚިދުމަތްވެސް ފަށާނެކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތާއެކު ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އެގޮތުން 6 ފަންގިފިލާގެ އައު އިމާރާތުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، އައު ޢިމާރާތް ބޭނުންކުރަން ފެށުމާއެކު ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރުވެގެންދާނެކަމަށް އާސަންދަ ކުންފުނިން މައުލޫމާތުދެއެވެ.