ޚަބަރު

ޓީވީއެމްއާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރި ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން ނިންމައިފި


ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މައި، ޓީވީޗެނަލް ޓީވީމޯލްޑިވްސްއާ ގުޅޭގޮތުން ހަޤީގަތާ ޚިލާފު ވާހަތައްދައްކައި ޓީވީއެމްގެ ތަސައްވުރަށް އުނިކަންލިބޭގޮތަށް އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަޙްމަދުދީދީ ވާހަކަ ދައްކާފައިވާތީ، އެނާއާއި އޭނާ ދެއްކި ވާހަކައިގެ ޙަޤީޤަތް ކަށަވަރުނުކޮށް އެވާހަކަތައް ފެތުރި މީޑިއާތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ޕީއެސްއެމުން ނިންމައިފިއެވެ.

ޕީއެސްއެމުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ޕީ.އެސް.އެމްއަކީ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގައި ކަނޑައަޅާފައިވާ އާންމު އުޞޫލުތަކާއި ސިޔާސަތުތަކުގެ އިމުގެތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަޙައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ޤައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތް ކުންފުންޏެއްކަން ފާހަގަކޮށްފައެވެ. އަދި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެ ކަންތައްތަކަށް ޖާގަ ނުދިނުމަކީ ޕީއެސްއެމްގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށްވެސް އެބަޔާނުގައިވެއެވެ.

މިހެން މިކަން އޮތްއިރު، 19 ސެޕްޓެންބަރު 2018 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓީ.ވީ.އެމްއާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ޓީ.ވީ.އެމް މެދުވެރިކޮށް ވޯޓުފޮށީގެ ނަތީޖާ ނުބައިކޮށް އިއުލާންކުރުމަށް މަސައްކަތްކުރާކަމަށް ބުނެ އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަޙްމަދުދީދީ ދައްކާފައިވާ ވާހަކަތަކަކީ، ޕީއެސްއެމްގެ ސިޔާސަތުތަކާއި ހަމަތަކުގެ އިމުގެބޭރުން އެކުންފުނިން މަސައްކަތްކުރަމުންދާކަން ދައްކައި، އާންމު ރައްޔިތުންގެމެދުގައި ކުންފުނީގެ ތަސައްވުރަށް ގެއްލުންވާގޮތަށް ދައްކާފައިވާ، ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަމަސް ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.

އިލެކްޝަންގެ ނަތީޖާ އިއުލާނުކުރުމުގައި ޕީއެސްއެމްގެ ދައުރަކީ އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރާ ނަތީޖާ ބްރޯޑްކާސްޓަރެއްގެ ހައިސިއްޔަތުން އެކުންފުނީގެ މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށްވެސް އެބަޔާނުގައިވެއެވެ.

އެހެންކަމުން ޢާންމު ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް، ޕީއެސްއެމްއާ ބެހޭގޮތުން މާރިޔާ އަޙްމަދުދީދީ ވާހަކަ ދައްކާފައިވާތީ، އޭނާއަށާއި، އެނާ ދައްކާފައިވާ ވާހަކައިގެ ޙަޤީޤަތް ކަށަވަރުނުކޮށް އެވާހަކަތައް ފަތުރާފައިވާ މީޑިއާތަކާ ދެކޮޅަށް ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށް ޕީއެސްއެމްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.