ޚަބަރު

ސަލާމަތީ ބާރުތަކުން ސިއްރުފެންފުށީގައި ހުރި ބުދުތައް ނަގަން ނިންމައިފި


ސިއްރުފެންފުށީގައި ބަހައްޓާފައިހުރި ބުދުތައް ނެގުމަށް ސިވިލް ކޯޓުން ދީފައިވާ މުއްދަތުގެ ތެރޭގައި އެ ރިސޯޓުން ބުދުތައް ނަގާފައިނުވާތީ، ދިވެހި ސަލާމަތީ ބާރުތަކުން މާދަމާ އެތަކެތި ނެގުމުގެ މަސައްކަތް ފަށާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ފުލުހުން ބުނީ، ބުދުތައް ނެގުމަށްޝަރުޢީ ކޯޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، ބުދުތައް ނަގާ، އެތަން ހުސްކުރުމުގެ މަސައްކަތް ދިވެހި ސިފައިންނާއި ގުޅިގެން އަމަލީގޮތުން މާދަމާ ފަށާނެކަމަށެވެ. އަދި ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައި ދީފައިވާ 7 ދުވަހުގެ މުއްދަތުގެ ތެރޭގައި އެތަން އެއްކޮށް ހުސްކުރާނެކަމަށް ފުލުހުން ބުންޏެވެ.

ސިއްރުފެންފުށީގައި ބަހައްޓާފައިވާ ބުދުތައް 5 ގަޑިއިރު ތެރޭގައި ނެގުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ މިއަދު މެންދުރު އެކެއް ޖަހަނިކޮށެވެ. އަދި އެ މުހުލަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ، 7 ދުވަހުގެ ތެރޭގައި ފުލުހުންނާއި ސިފައިން އެތަކެތި ނެގުމަށްވެސް ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައިވެއެވެ.

ޕީއެސްއެމްގެ ނިއުސް ޓީމު މިއަދު ސިއްރުފެންފުށްޓަށް ދިޔައިރު ހާމައަށްހުރި ބުދުތައް ނެގުމުގެ ބަދަލުގައި ވަނީ ކަޅުފޮށިތަކަށްލާ ބަންދުކޮށްފައެވެ. ނަމަވެސް ފޮޓޯއާއި ވީޑިއޯ ނެގުމުގެ ހުއްދަ އެރިސޯޓުން ޕީ.އެސް.އެމްގެ ކްރޫއަށް ދީފައިނުވާއިރު، ޕީއެސްއެމްގެ މަސައްކަތަށްވެސް އެރިސޯޓުން ވަނީ ހުރަސް އަޅާފައެވެ.

ފެއަރމޮންޓް މޯލްޑިވްސް ސިއްރުފެންފުށީގައި ހުރި ބުދުތައް ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވަނީ މިދިޔަ ޖުލައި މަހުއެވެ.