ޚަބަރު

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް 13 ވަނަ މަންޒިލަށް ފަށައިފި


މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ރ. އަތޮޅުގައި އޮޕަރޭޓްކުރާ ޖޯއާލި މޯލްޑިވްސް މުރަވަންދޫ ރިސޯޓަށް ފަށައިފިއެވެ.

މޯލްޑިވިއަން ސީޕްލޭނުން ޖޯއާލި މޯލްޑިވްސްއަށް ދަތުރުތައް ފެށުމާއެކު އެއެއަލައިނުން ދަތުރުތައް ބާއްވާ މަންޒިލްތަކުގެ އަދަދު 13 އަށް މިވަނީ އިތުރުވެފައެވެ. މޯލްޑިވިއަނުން މިއަދު ވަނީ މުރަވަންދޫއަށް އެންމެ ފުރަތަމަ ދިޔަ ދެފަތުރުވެރިންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހަރަކާތެއް ބާއްވާފައެވެ. މޯލްޑިވިއަން ސީޕްލޭން ޓާމިނަލްގައި ކުރިއަށްގެންދިޔަ ހަރަކާތުގައި އަލަށް ފަށާ މަންޒިލަށް ދިޔަ ދެފަތުރުވެރިންނަށް މަރުހަބާކިޔާފައި ވަނީ ރަތްދޫލައިގައެވެ. އަދި އެދެފަރާތަށް ޚައްސަ ހަދިޔާއެއް އެއެއަރލައިނުން ވަނީ ދީފައެވެ.

މޯލްޑިވިއަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ހަމީދު ވިދާޅުވީ، މޯލްޑިވިއަންގެ ޚިދުމަތްތައް ފެށި ފަހުން މިއަދާއި ހަމައަށް އެޚިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.

"2014 ގައި ޚިދުމަތް ފެށި އިރު މިތަނުގައި ޓާމިނަލެއްވެސް ނެތި ވަރަށް އާދައިގެ ގޮތަކަށް. އަޅުގަނޑުމެން ސްޓާފުން ފުރަތަމަ ދެތިން މަސްދުވަހު މަސައްކަތްކުރީ މިތަނުގައި ދެ ކޮންޓެއިނާ ބަހައްޓައިގެން. ނަމަވެސް މިހާރު ވަރަށް ރަނގަޅު ފެންވަރެއްގެ ޓާމިނަލެއް ހެދި، ރިސޯޓްތަކުގެ ލައުންޖްތައްވެސް ވަނީ މިތަނުގައި ހެދިފައި. ހަމައެއާއެކު ކުންފުނީގެ މުވައްފުންނަށް ވަރަށް ރަނގަޅު ފެންވަރެއްގެ އޮފީހެއްވެސް ވަނީ ހަދާފައި. އަދި ހަމަ އެހެންމެ ފުލީ ފަންޣްޝަނަލްހެނގަރަކާއެކު މިހާރު ކުރިއަށްމިދަނީ" އަލީ ނަޝާތު ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަން ސީޕްލޭނުން ފޯރުކޮށްދެނީ އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް އެގޮތުން ކޮންމެ ފަތުރުވެރިޔަކުވެސް ރާއްޖެ އަންނަތާ ލަސްވެގެން ދޮޅު ގަޑިއިރުގެ ތެރޭގައި އެފަތުރުވެރިޔަ ދާން ބޭނުންވާ ރިސޯޓަށް އެއެއަރލައިނުން ފުރުވާލައެވެ.

2014 ވަނަ އަހަރު އާދައިގެ ގޮތަކަށް ފެށި މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް މިއަދު 13 ވަނަ މަންޒިލަކަށް ފަށާފައިވާއިރު، ސީޕްލޭންގެ ދަތުރުތަކުގައި މިހާރު 11 ބޯޓު ދަނީ ބޭނުންކުރަމުންނެވެ.