ޚަބަރު

ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް އައިޑީ ކާޑު ހެދޭނެ


އައިޑީ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކަށް އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް އެ ފުރުޞަތު
ހުޅުވާލާނެކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އިން ބުނެފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ބުނީ، މި ދެދުވަހު އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދޭން ނިންމާފައިވަނީ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، އެއްވެސް ދިވެހި ރައްޔިތަކަށް ވޯޓު ލުމުގެ ޙައްޤު ގެއްލުނަ ނުދިނުމަށް ކަމަށެވެ.

އެގޮތުން އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ހުކުރު ދުވަހުގެ މެންދުރު 3:00 އިން ރޭގަނޑު 8:00 އަށް އަދި ހޮނިހިރުދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށް ހުޅުވާލާނެކަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުންވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބްގެ ވޯޓުލުން އޮންނާނީ މިމަހުގެ 23 ވާ އާދިއްތަ ދުވަހުއެވެ. އެހެންކަމުން ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ ކޮންމެ ދިވެހި ރައްޔިތަކުންވެސް، ވޯޓް ލާން ދިއުމުގެ ކުރިން އައިޑީކާޑުގެ މުއްދަތު ހަމަނުވާކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ. ވޯޓްލެވޭނީ، މުއްދަތު ހަމަނުވާ އައިޑީ ކާޑެއް ނުވަތަ އެނޫންވެސް ފޮޓޯޖެހި ރަސްމީ ލިއުމެއް އޮވެގެންނެވެ.