ޚަބަރު

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މެޑިކަލް ޔުނިޓެއް ހުޅުވައިފި


ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި މެޑިކަލް ޔުނިޓެއް ހުޅުވައިފިއެވެ.

ފިޔަވަތީގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މެޑިކަލް ޔުނިޓު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަޙީދު ޒަކީއެވެ.

ފިޔަވަތީގައި ހުޅުވި މެޑިކަލް ޔުނިޓާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަޙީދު ޒަކީ ވިދާޅުވީ، ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދީ، އެކުދިންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. މިފަދަ މެޑިކަލް ޔުނިޓެއް ފިޔަވަތީގައި ޤާއިމްކުރެވިގެންދިއުމަކީ މިދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މެޑިކަލް ޔުނިޓުން ޢާންމު ބަލިތަކާއި ސިއްޙީ އެހެނިހެން ފަރުވާ ދެވޭނެ ކަމަށެވެ.

''އާންމު ބަލިތަކާއި، އެނދުމަތިކޮށްގެން ދެވޭ ފަރުވާއި، ހެލްތު ސްކްރީނިންގ ހެދުމަށް ބޭނުންވާ ވަޞީލަތްތައް މި ޔުނިޓުގައި ވަނީ ޤާއިމްކުރެވިފައި. މީގެ އިތުރުން އައިވީއާއި، ބޭސްއެޅުމާއި، ބައެއް ޑޮކްޓަރީ ބޭހުގެ ޚިދުމަތްވެސް ޔުނިޓުން ލިބެން ހުންނާނެ" މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މަލަހިނި ކުޑަބަނޑޮސް ރިސޯޓުގެ އެހީތެރިކަމާއެކު ފިޔަވަތީގައި ހުޅުވި 3 އެނދުގެ މެޑިކަލް ޔުނިޓުގައި ޑިއުޓީ އުސޫލުން ނަރުހުން ޚިދުމަތް ދެއްވަމުން ގެންދަވާނެ ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ފިޔަވަތީގައި މިވަގުތު 12 އަހަރުން ދަށުގެ 91 ކުދިން ދަޢުލަތުން ބަލަހައްޓަމުން ގެންދެއެވެ.