ޚަބަރު

ރާއްޖޭގައި ސެކިއުލާ ވެރިކަމެއް ޤާއިމުކުރަން އުޅުނު ބަޔަކާ ވެރިކަން ހަވާލުކޮށްގެން ނުވާނެ - ދީނީ ޢިލްމުވެރިން


އިސްލާމް ދީނުގެ އަދާވާތްތެރިން ގެންގުޅޭ ސެކިއުލާ ޚިޔާލުތަކުގެ ވިސްނުން ރާއްޖެއަށް ތައާރަފް ކުރީ އިދިކޮޅު އެމްޑީޕީން ކަމަށާއި، އެފަދަ ވިސްނުމެއްގައި ތިބި ބަޔަކު އިސްލާމް ދީނާއި ދިވެހި ޤައުމަށް ހެޔޮއެދޭނެ ކަމަށް ޤަބޫލްކޮށްގެން ނުވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިން ވިދާޅުވެއްޖެއެވެ.

ދީނީ ޢިލްމުވެރިން މިހެން ވިދާޅުވެފައިވަނީ ދީނީ ޢިލްމުވެރިންނާއި އިސްލާމީ މުފައްކިރުންގެ ބަސް އިއްވުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޚާއްޞަ ޖަލްސާގައި ރާއްޖޭގައި ތިމި އެންމެ ފުންނާބުއުސް ދީނީ ޢިލްމުވެރިންނާއި އިސްލާމީ މުފައްކިރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދީނީ ޢިލްމުވެރިން ވިދާޅުވީ އިސްލާމީ ބޮޑެތި ދައުލަތްތައް ހަލާކުކޮށްލުމަށް އިސްލާމްދީނުގެ ޢަދުއްވުން ކުރި އެއްކަމަކީ ތަފާތު ޖަމިއްޔާތައް އުފައްދައިގެން އެމީހުންގެ ފިކުރު ފެތުރުން ކަމަށާއި މިއަދު ރާއްޖެ އިން ވެސް އެމަންޒަރު ފެންނަމުންދާކަމަށެވެ. އަދި ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް ރާއްޖޭގެ އިސްލާމީ ހަޟާރަތް ދެމިއޮންނާނެކަމަށް ބުނާ ވާހަކަތަކުގައި ހަޤީޤަތެއް ވާނަމަ ސްޕެއިން އާއި ޕިލިޕީންސާއި އިންޑޮނޭޝިއާ ފަދަ ޤައުމުތައްވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމުތަކެއްގެ ގޮތުގައި ދެމި އޮންނާނެކަމަށެވެ.

"ރާއްޖެއަށް ސެކިއުލާ ޚިޔާލުތައް އޮހިގެން އައީ، އެވިސްނުން އައީ އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީގެ ތެރެއިން. އެއީ ކޮންބައެއްކަން އެނގޭ. އެމީހުންނާއި ދުރައްދާކަށް ނުޖެހޭނެތޯ. އެފަދަ ވިސްނުމެއްގައި ތިބި ބަޔަކު ކޮން ހެއްވެތޯ އަޅުގަނޑުމެންނަށް އެދޭނީ. ކޮން ރަނގަޅެއްތޯ އެމީހުން ވާނީ؟ އެމީހުން ތާއިދު ކުރާ ބޭފުޅުން ތިވިސްނަނީ ކޮންތާކުންތޯ؟ ފުންނާބުންތޯ ނުވަތަ ސިކުނޑިންތޯ؟ ބުއްދި ތިވަނީ ކޮންތަނަކަށްތޯ އެއްލާލާފައިތޯ؟" މިޖަލްސާގައި ވާހަކަދައްކަވަމުން އިދިކޮޅު އެމްޑީޕީއަށް އިޝާރާތްކުރައްވައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ނަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ރާއްޖޭގައި އިސްލާމްދީން އޮންނާނެ ކަމަށް ބުނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެފަދަ ވާހަކަތައް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި ކޮންމެ ކޮންމެ މީހަކު ވެރިކަމުގައި ހުރެގެން އިސްލާމް ދީން ޙިމާޔަތް ނުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުސްލިމުންގެ މައްޗަށް ވެރިކަންކުރާ ވެރިއެއްގެ ކިބައިގައި ހުރުން ލާޒިމް ކުރާ ކަންކަން އިސްލާމީ ތާރީޚުން ފެންނަން އެބަހުރި ކަމަށާއި އޭގެތެރެއިން އެއް ކަމަކީ އިސްލާމްދީނާ ބީރައްޓެހި ވެރިއަކަށް ޙާކިމާ ނުވުން ކަމަށެވެ. އަދި ދީނާ ބީރައްޓެހި، ދީނީ ކަންކަމާ ދުރު މީހަކު ވެރިއަކަށް ގެނެސްގެން ނުވާނެ ކަމަށާއި ޤައުމުގެ ހުންގާނު ހަވާލުކުރަންވާނީ ދީނީކަން ދަންނަ ދީނަށް ޙުރުމަތްތެރިކޮށްހިތާ ދީނީ ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމާއި ފިކުރު ގެންގުޅޭ ފަރާތަކަށްކަމަށެވެ. އަދި އެފަދަ ވެރިއަކަކީ ރައީސް ޔާމީން ކަމަށް ޑރ. ޒިޔާދު ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް އިސްލާމްދީނަކަށް ބުރުލެއް ނާރާނޭ. ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް އިސްލާމްދީން އޮންނާނެ އޭ. އެއީ މުޅިން ދޮގު ވާހަކަތަކެއް. އިސްލާމީ އުސޫލުތަކާއި ބީރައްޓެހި ވެރިއެއް ނަމަ މުޖުތަމަޢުން ފެންނާނީ އެކަން." މިނިސްޓަރ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދެއްކެވި ޢިލްމުވެރިން ވިދާޅުވީ ބުއްދީގެ ހަމަތަކަށް ބަލާއިރު އިސްލާމްދީން ޙިމާޔަތްކޮށް، ދީން ކުރިއެރުވޭނީ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދަށް ކަމަށް ޤަބޫލްކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ގައުމުގެ ހުންގާނު ހަވާލުކުރަންވާނީ އެފަދަ ބޭފުޅުންނާ ކަމަށް ޢިލްމުވެރިން ވިދާޅުވިއެވެ.