ދުނިޔެ

ދެ ކޮރެއާގެ ހަނގުރާމަ ނިމުމަކަށް!


ދެ ކޮރެއާގެ ދެމެދުގައި އޮތް ހަނގުރާމައިގެ ހާލަތު ނިމުމަކަށް އަތުވެއްޖެކަމަށް ދެ ޤައުމުގެ ލީޑަރުން އިޢުލާންކުރައްވައިފިއެވެ. މި ކަން އިޢުލާންކުރެއްވީ ޕިޔޮންގްޔަންގްގައި ކުރިޔަށްދިޔަ ދެ ކޮރެއާގެ އިސްވެރިންގެ ސަމިޓު ބައްދަލުވުމަށްފަހު އެ ދެ ބޭފުޅުން ސޮއިކުރައްވައި ނެރުއްވި ގުޅިފައިވާ ބަޔާނުގައެވެ.

އެ ބަޔާނުގައި ދެ ކޮރެޔާ ދެމެދުގައިވާ ދުޝްމަންކަމާއި ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނައުމުގެ އެއްބަސްވުމެއްގައި ދެކޮރެޔާގެ އިސްވެރިން ސޮއިކުރެއްވިކަން ހާމަކޮށްފައިވެއެވެ. އަދި ކޮރެެއާ ބައްރަކީ ނިއުކްލިޔަރ ހަތިޔާރުން ސަލާމަތްވެގެންވާ ސަރަހައްދަކަށް ހެދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށްވެސް ދެ ކޮރެ\އާގެ ލީޑަރުން އެއްބަސްވެވަޑައިގެންނެވިކަންވެސް ބަޔާންކޮށްފައިވެއެވެ.

މިއީ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން އާއި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން މި އަހަރު ތެރޭގައި ބޭއްވެވި 3 ވަނަ ސަމިޓު ބައްދަލުވުމެވެ. ދެ ކޮރެޔާގެ މީޑިޔާއިން ވަނީ ޕިޔޮންގްޔަންގެ ސަމިޓަކީ ތާރީޚީ ސަމިޓެއްގެ ގޮތުގައި ސިފަކޮށްފައެވެ.