ދުނިޔެ

އިމްރާން ޚާން ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިޔާއަށް


ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިޔާއަށް ވަޑައިގެންފިއެވެ. މިއީ ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިމްރާން ޚާން ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިމްރާން ޚާންގެ މި ދަތުރުފުޅަކީ ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ރަސްމީ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އިމްރާންޚާންގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ޖިއްދާއަށެވެ.

އެއަށްފަހު އޭނާވަނީ މާތްވެގެންވާ މައްކާއަށް ވަޑައިގެން އުމުރާގެ އަޅުކަން އަދާކުރައްވައި މަދީނާއަށް ވަޑައިގެން މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރައްވައި އެ މިސްކިތުގައި ނަމާދުކުރައްވާފައެވެ. ސައޫދީ ޢަރަބިޔާގެ މަސްއޫލުވެރިންނާއެކު އިމްރާން ޚާން ކުރައްވާ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރައްވާނީ ޕާކިސްތާނުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮންމެހެން ބޭނުންވާ 18 ބިލިޔަން ޑޮލަރުގެ ލޯންގެ ތެރެއިން ބޮޑު ބައެއް ސައޫދީން ހޯދުމަށް ކަމަށާ އެ ލޯންގެ އަނެއްބައި ހޯދަން ޕާކިސްތާން މަޝްވަރާކުރަމުންދަނީ ޗައިނާއާ އެކުގައިކަމަށް ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނުގެ ސިފައިންގެ ކޮމާންޑަރު އަދި އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ މިދިޔަ ހޯމަދުވަހުވަނީ ޗައިނާ އަށް ވަޑައިގެންފައެެވެ. އިމްރާންޚާން ސައޫދީއަށް ކުރައްވާ ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ އާއި އިޤުތިޞާދާ ބެހޭ ވަޒީރާއި މާލީ ވަޒީރު ހިމެނިވަޑައިގަންނަވައެވެ.