ޚަބަރު

ފަތުރުވެރިކަމަށް އިންވެސްޓްކުރަން މިއީ އެންމެ ރަނގަޅު ވަގުތު - ޗަމްޕާ މުޙައްމަދު މޫސާ


ރާއްޖޭގެ އިޤްތިޞާދު އޮތީ ސްޓޭބަލްކޮށްކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރަން މިއީ އެންމެ ރަނގަޅު ވަގުތުކަމަށް ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުގައި އެންމެ އިސްދައުރެއް އަދާކުރި ބޭފުޅުންގެތެރޭގައި ހިމެނޭ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއެއްގައި މުޙައްމަދު މޫސާ ވިދާޅުވެފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭއާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު އިންވެސްޓްމަންޓްތަކަށް ދޮރުހުޅުވިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށާއި، މިހާރު އެވަގުތު ޖެހިއްޖެކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ސަރުކާރުން ހިންގަމުންދާ ބިޔަ މަޝްރޫޢަށް ތަޢުރީފުކުރައްވައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނޭ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ ވިދާޅުވީ، ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުތަކާއެކު ރާއްޖޭގެ އިޤްތިޞާދު އެތައްގޮތަކުން ކުރިއަރައިފައިވާކަމަށެވެ. އަދި އެކަމުގެ އެންމެ ހަލިގަދަ އެއް ހެއްކަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ބޮޑެތި މަތިންދާބޯޓު ފަހަރަށްވެސް ޖެއްސޭ ފެންވަރަށް މިސަރުކާރުން ތަރައްޤީކޮށްދެއްވުންކަމަށާއި، އެއަރޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމަކީ ދިވެހިންގެ ޝަރަފާއި ގުޅިފައިވާ ކަމެއްކަމަށެވެ.

ރާއްޖޭގައި ފުރަތަމަ އަމިއްލަ އެއަރޕޯޓެއް އެޅުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އެކަންކަން ވަރަށް ގާތުން ތަޖުރިބާކުރައްވާފައިވާ މުޙައްމަދު މޫސާ ވިދާޅުވީ، އެއަރޕޯޓު އޭރު އޮތް ޙަލަތާއި، މިހާރުގެ ޙާލަތާ އަޅާކިޔާނަމަ، އެއަރޕޯޓަށް އަންނަމުންދަނީ ފަޚުރުވެރިވުން ހައްޤު ބަދަލުތަކެއްކަމަށެވެ. އަދި މިކަމުގެ ހުރިހާ ޝުކުރެއްވެސް ހައްޤުވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވެރިއަކަށް ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އެއަރޕޯޓަށް މިފަދަ ތަރައްޤީއެއް ގެނެސްދެއްވީތީ، އެއަރޕޯޓުގެ ފަރާތުންވެސް އަދި ރައްޔިތުންގެ އަޅުގަނޑު އެމަނިކުފާނަށް ސެލިއުޓްކުރަން. މިއީ ހުރިހާ ދިވެހިންނަށްވެސް ލިބޭ ފަޚުރެއް ،ލިބޭ ޝަރަފެއް."

ޗަމްޕާ މުޙައްމަދު މޫސާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މަޝްހޫރު ވިޔަފާރިކުންފުނި ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިންގ ޑިރެކްޓަރކަންވެސް ކުރައްވާ މުޙައްމަދު މޫސާ ވިދާޅުވީ، ރައީސް ޔާމީންގެ އިޤްތިޞާދީ އެޖެންޑާއާއެކު ބޭރުގެ އިންވެސްޓަރުންގެ އިތުރުން، އަމިއްލަ އިންވެސްޓަރުންނަށްވެސް ތަރައްޤީގެ މަޝްރޫޢުތަކަށް އިންވެސްޓްކުރުމަށް ފުރިހަމަ އިތުބާރާއި، އެފުރުޞަތު ލިބިގެންދާކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއަރާދާ މިންވަރަށް ބަލާއިރު، އެއަރޕޯޓުގެ އައު ރަންވޭއާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިއީ އެންމެ ރަނގަޅު ވަގުތުކަންވެސް މުޙައްމަދު މޫސާ ފާހަގަކުރެއްވިއެވެ.

"އެންމެ ބޮޑެތި ފްލައިޓްތައް ރާއްޖެއަށް ދަތުރުތައް ފަށަންވާއިރަށް އަޅުގަނޑުމެން އެބަޖެހޭ ރާއްޖޭގެ ބެޑް-ކެޕޭސިޓީވެސް އިތުރުކުރަން. އަޅުގަނޑުމެން މިއަށްވުރެ ބާރުލާފައި ރިސޯޓުތައް އެބަ އިތުރުކުރަންޖެހޭ. އަޅުގަނޑުމެން އެބަޖެހޭ އަމިއްލަގޮތުން ވިޔަސް އަދިސަރުކާރު ބައިވެރިވެގެންވެސް ބެޑްތައް އިތުރުކުރަން. ވަކިން ޙާއްސަކޮށް ފަތުރުވެރިކަން ފުޅާވެފައިނެތް ސަރަޙައްދުތަކަށް.."

ޗަމްޕާ މުޙައްމަދު މޫސާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައިދޮރާށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު މުޅިން ނިމޭއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އަހަރު 8 މިލިއަނާ ގާތްކުރާ ޢަދަދަކަށް އިތުރުވެގެންދާނެއެވެ. ހަމައެހެންމެ އެހާތަނަށް ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެފައި ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން އިތުރަށްފުޅާކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުން ފަންސާސް ހާސް އެނދު ތަރައްޤީ ކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ. މިކަމަށް މަގުފަހިކުރުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކޯޑް-އެފްގެ ފެންވަރުގެ އައު ރަންވޭއެއް މިހާރު ތަރައްޤީކޮށްފައިވާއިރު، އައު ރަންވޭއަށް ޓެސްޓް ފްލައިޓެއްގެގޮތުގައި ޖައްސާފައިވަނީ އިއްތިޙާދު އެއަރވޭސްގެ A380 މަރުކާގެ މަތިންދާ ބޯޓެކެވެ.