ޚަބަރު

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ނަގާލަން އިސްތިއުމާރީ ބާރުތަކުން އިންދި ގަހެއް - ޑރ.ޝަހީމް


އިދިކޮޅު އެމްޑީޕީއަކީ ބޭރުގެ އިސްތިއުމާރީ ބާރުތަކުން ޤައުމުގެ އަމާންކަން ނަގާލާ އިސްލާމީ ވަހުދަތު ނަގާލަން އިންދި ގަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ރަނިން މޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.ޝަހީމް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން މާފަންނު ސްޓޭޑިއަމްގައި ބާއްވާ "އެންމެން އެކަކަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެންމެން އެކަކަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޑރ.ޝަހީމް ވިދާޅުވީ އިދިކޮޅު އެމްޑީޕީއަކީ ޒަމާނުންސުރެ މި ޤައުމުގައި އޮތް އަމަން އަމާން ކަމާއި އިސްލާމީ ވަހުދަތު ނަގާލަން ބޭރުގެ އިސްތިއުމާރީ ބާރުތަކުން ރާއްޖޭގައި އިންދި ގަހެއް ކަމަށާއި މިޤައުމުގައި އޮތް މާތް ވެގެންވާ އިސްލާމީ ވަހުދަތު ނަގާލަން މަސައްކަތްކުރި ބަޔަކާއެކު ދީނީ ޢިލްމުވެރިން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މަކަރާއި ހީލަތްތެރިކަން ގެންގުޅޭ ބައެއްގެ ވަކިތަކުން ދިވެހި ލޮބުވެތި ރައްޔިތުން ސަލާމަތްވާން ޖެހޭ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ދީނީ އިލްމްވެރިން ނުރައްކާތެރި ޓެރަރިސްޓުންގެ ގޮތުގައި ކަނޑައެޅި ކަމަށާއި އޭގެ އިތުރުން އެމްޑީޕީގެ ސަރުކާރުގައި މިސްކިތްތަކާއި ދީނީ ކަންކަމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެމުންދިޔަ އަރަބި އިސްލާމް މާއްދާ އުވާލުމަށްވެސް އެމްޑީޕީގެ ސަރުކާރުގައި މަސައްކަތް ކުރިކަން ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ. ޑރ.ޝަހީމް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ އިސްލާމީ ވަޙްދަތު އާލާކޮށް ދިރުވުމަށް ކަމަށެވެ. އަދި ތަޢުލީމީ ދާއިރާގައިވެސް އިސްލާމީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ.

ޑރ.ޝަހީމް ވަނީ އެމްޑީޕީގެ ލާދީނީ ސިޔާސަތު ތަކާ ދެކޮޅަށް ނުކުތް 23 ޑިސެމްބަރ އިއްތިހާދުގައި އިސްކޮށް އޭރު އުޅުނު ބައެއް ފަރާތްތަކުން މިއަދު އެމްޑީޕީއާއެކު ތިބިކަން ފާހަގަކުރައްވާ އެފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޑރ.ޝަހީމް ވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖެއަށް ގެންނަމުންދާ ތަރައްޤީ މުޅި ރާއްޖެއިން ފެންނަމުންދާކަން ފާހަގަކޮށް، މި ތަރައްޤީ ދަމަހައްޓައި އިތުރު ތަރައްޤީ ދިވެހި ރާއްޖެއަށް ގެނައުމަށް ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން މާފަންނު ސްޓޭޑިއަމްގައި ބޭއްވި "އެންމެން އެކަކަށް" ޖަލްސާގައި ރާއްޖޭގެ އެކި ރަށްރަށުން އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެފައިވެއެވެ.