ޚަބަރު

މާދަމާ ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސަނީ


ހދ.ކުޅުދުއްފުށީގައި މިސަރުކާރުން ހަދާ އެއަރޕޯޓުގެ ރަންވޭ ނިންމައި މާދަމާ ޓެސްޓު ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ. ކުޅުދުއްފުށީގައި ހަދާ އެއަރޕޯޓުގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހިމެނެއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، ކުޅުދުއްފުށީގައި ތަރައްޤީކުރި ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ކަމަށާއި އެކަމާގުޅޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވެސް ވަމުން އަންނަ ކަމަށެވެ.

ހުޝާމް ވިދާޅުވީ، ރަންވޭގައި ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާ، އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢުގެދަށުން ކުޅުދުއްފުށީގައި އެއާޕޯޓު ހަދާފައިވަނީ އެރަށުގެ ކުޅިން ބަޔަކާއެކު، ފަޅުތެރެއިން 15 ހެކްޓަރުގެ ބިންހިއްކައިގެންނެވެ.

ކުޅުދުއްފުށީ އެއާޕޯޓު މަޝްރޫޢުގެ ދަށުން، ޓެކްސީވޭއާއި، އެއާކްރާފްޓްތައް ޕާރކްކުރުމަށްޓަކައި އޭޕްރެންއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. 12 ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ މައިހަބުކަމުގައިވާއިރު، ކުޅުދުއްފުށީ އެއަރޕޯޓު ވެގެންދާނީ މިސަރުކާރުން އެ ސަރަޙައްދުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަޝްރޫޢުގެ މުހިންމު މަސައްކަތަކަށެވެ.