ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފިލިޕީންސްގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


ފިލިޕީންސަށް ބާރުގަދަ ތޫފާން "މެންހުޓް" އަރައި، ގިނަ ބަޔަކު މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފިލިޕީންސް ގެ ރައީސް ރޮޑްރިގޯ ޑުޓަރޓޭއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މަސެޖްގައި ފިލިޕީންސްގެ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ފިލިޕީންސްގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނު ގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި މި ޙާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް އެޤައުމުން ކުރަމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ. އަދި މިދަނޑިވަޅުގައި އެ ޤައުމުގެ ރައްޔިތުންނަށް ކެއްތެރިކަމާއި ސާބިތުކަން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

ތޫފާން "މެންހުޓް" ގައި މިހާތަނަށް ފިލިޕީންސުން 100 އަށް ވުރެ ގިނަ މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި ފިލިޕީންސްގެ 150 ހާސް އާއިލާއަކަށް މި ތޫފާން ގެ އަސަރުކޮށްފައިވާކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ.