ޚަބަރު

ތިނަދޫ އިސްލާމީ މަރުކަޒުގައި ނަމާދުކުރަން ފަށައިފި


ގދ. ތިނަދޫގައި ސަރުކާރުން ބިނާ ކުރި އިސްލާމީ މަރުކަޒުގައި ނަމާދުކުރަން ފަށައިފިއެވެ.

ތިނަދޫގައި ބިނާ ކުރި އިސްލާމީ މަރުކަޒަކީ މާލެ ފިޔަވައި، ރާއްޖޭގެ ރަށެއްގައި ބިނާ ކުރި ފުރަތަމަ އިސްލާމީ މަރުކަޒެވެ.

އެ މަރުކަޒުގައި މިރޭ ނަމާދުކުރަން ފެށި އިރު، މިމަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިސްލާމީ މަރުކަޒާއެކު އެރަށުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް ބޮޑެތި މަޝްރޫއުތައް ނިމުނުކަން އިއުލާންކޮށް އެތަންތައް ހުޅުއްވައިދެއްވާފައެވެ.

ތިނަދޫ އިސްލާމީ މަރުކަޒުގެ މިސްކިތް ރަސްމީކޮށް ހުޅުވިގެން ދިޔައީ މިރޭ އިޝާ ނަމާދާއެކުއެވެ. މިރޭ ކުރި ފުރަތަމަ ނަމާދު އިމާމްވެ ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދެވެ. އެ ނަމާދުގެ ޖަމާއަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަބްދުﷲ ޖިހާދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝާ ނަމާދަށްފަހު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ތިނަދޫ ހިމެނޭ ސަރަހައްދުގެ ދަރިވަރުންނަށް އިސްލާމީ އިލްމު އުނގަންނައިދިނުމަށްޓަކައި އެ މަރުކަޒުގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފާނެކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީ ކޮޅު އިސްލާމިކް ޔުނިވަސިޓީގެ ކޯސްތަކާއެކު އެ މަރުކަޒުގައި ކިޔަވައިދޭން ފަށާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަދި ތިނަދޫ ފަދަ ބޮޑު އާބާދީއެއް އޮންނަ ރަށެއްގައި އެފަދަ ބޮޑު، ބޭނުންތެރި ބިނާއެއް ގާއިމްކޮށްފައިވާތީ ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެއީ ސަރުކާރުން ތިނަދޫއާއި ތިނަދޫ ހިމެނޭ ސަރަހައްދުގެ ރައްޔިތުންނަށް ކޮށްދީފައިވާ ވަރަށް މުހިއްމު ކަމެއްކަމަށެވެ.

ތިނަދޫގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒަށް 34.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިސްކިތް ބިނާކުރެއްވުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ސަރަހައްދީ އޮފީސްވެސް ހިމެނޭ އެ މަރުކަޒު އަޅާފައިވަނީ ތިނަދޫ ހުޅަނގު ފަރާތު ހިއްކި ބިމުގައެވެ. އެ ބިމަކީ 60،000 އަކަފޫޓުގެ ބޮޑު ބިމެކެވެ.

ދެބުރިއަށް އިމާރާތްކޮށްފައިވާ ތިނަދޫ އިސްލާމީ މަރުކަޒަކީ 1000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތަކާއި، 500 މީހުންނަށް އެއްފަހަރާ ޖަލްސާ ކުރެވޭވަރުގެ މާލަމަކާއި، ހަތަރު ކުލާސްރޫމާއި، އޮފީހަކާއި، ލައިބްރަރީއެއް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ އިމާރާތެކެވެ.